ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ކޮންގްރެސް ޕާޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާއިރާގައި އަދި މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އެ ޕާޓީން ބުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓްލާނީ ހިތަދޫގައި ބަހައްޓާ ފޮށިތަކަށް ކަމަށެވެ. އަދި މާލެއާއި އެހެނިހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
މި އިންތިޚާބުގެ ހުރިހާ ކަމެއް ރާވާ ހިންގާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިތުރު އިންތިޒާމުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމެޓީން ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށްވެސް ކޮންގްރެސް ޕާޓީން މައުލޫމާތު ދެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީ މި މަހު 25 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ