ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން މިއަދު ވައިގެ ހަމަލާއެއް ދީފި އެވެ.
މިއީ މިދިޔަ މަހު ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ހިނގަން ފެށި ފަހުން، ބެއިރޫތަށް އިޒްރޭލުން ދިން ދެވަނަ ހަމަލާ އެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނި ގޮތުގައި، މި ހަމަލާއަކީ ސީދާ ވަކި އަމާޒަކަށް ދީފައިވާ ހަމަލާއެކެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގެ މައިގަނޑު އަމާޒަކީ، ހިޒްބުއްލޯއާ ގުޅިފައިވާ އީރާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިމާމް ހުސައިން ޑިވިޝަންގެ މިސައިލް ފޯސްގެ ވެރިޔާގެ ގޮތުގައި ފާހަގަކޮށްފައިވާ އަލީ އަލް-ހުސްނީ އެވެ.
ހިޒްބުއްލޯގެ ބާރުގަދަ ސަރަހައްދެއްގެ ގޮތުގައި ބެލެވޭ އަދި ޝީއީންގެ އާބާދީ ބޮޑު ބެއިރޫތުގެ އަވަށެއް ކަމަށްވާ ދާހިޔާގެ މަތިން ބޯ ދުންތައް އަރަމުންދިޔައިރު، ސަލާމަތްކުރާ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފަ އެވެ.
މި ހަމަލާ ދީފައިވަނީ، އިޒްރޭލުގެ ސިފައިންނާއި އާންމުންނަށް އަމާޒުކޮށް ހިޒްބުއްލޯއިން ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ގިނަ ހަމަލާތަކެއްދީ، އެއްގަމު މަގުން ހިންގާ ހަރަކާތްތައް ފުޅާކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކުރެއްވި ފަހުންނެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ބެއިރޫތާއި ވަށައިގެންވާ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 11 މީހުން ވަނީ މަރުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ވަރަށް ބޮޑަށް ރޯވެ، އެ ތަންތަން ހަލާކުވެ، މުޅި ސިޓީގެ އެކި ހިސާބުތައް ވަނީ ދުމުން ފުރިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް އިޒްރޭލުން ބެއިރޫތަށް ހަމަލާދިނުމުން ދުރުހެލިވެފައި އޮތް ނަމަވެސް، ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލާއި ހިޒްބުއްލޯއިން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒުކުރަމުންދިއުމުގެ ސަބަބުން ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދާންޖެހުނު އާންމުން ބުނާ ގޮތުގައި އިންސާނީ އެހީގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން، އީރާނާއި ލުބުނާނު ހިމެނޭހެން ފުޅާ ދާއިރާއެއްގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ. މާޗު މަހުން ފެށިގެން ހަނގުރާމަ ވަރުގަދަވި ފަހުން، ލުބުނާނުން ބުނާ ގޮތުގައި 3,224އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުގެ 23 ސިފައިންނާއި 4 އާންމުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން އަނެއްކާވެސް ބެއިރޫތަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ