1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރޫނާ: ފުލުހުން

ރާއްޖެއަށް 1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިއީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ހައްޔަރުކުރި ދެ އަންހެނެއްގެ މައްސަލައެވެ. އެރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ރޫނާގެ އިތުރުން އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. ރޫނާގެ ބަންދު އަމުރުގައިވަނީ، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތުވާ ކަމަށެވެ. އަދި ރޫނާއަކީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށްވެސް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. އަލްޔާގެ ބަންދު އަމުރުގައި ވަނީ އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭނާއަކީ ކައިރި ކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަމަށް އޭނާގެ ޓްރެވަލް ހިސްޓްރީން ދައްކާ ކަމަށެވެ. އަދި އޭނާގެ ފޯނުން ވެސް މައްސަލައާ ގުޅުންހުރި ހެކި ފެނިފައިވާ ކަމަށާއި އެނާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށް ވަނީ ބުނެފައެވެ. މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރިކަމަށެވެ. ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ. އެ ދެ މީހުން ކޯޓަށް ހާޒިރުކުރުން ރޫނާގެ ދިފާއަށް މީގެ ކުރިން އޭނާ ވަނީ ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައެވެ. އަދި އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ކުރީގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. https://sun.mv/221494 މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ. އޭގެ ދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ