ނުރައްކާތެރި މުދާ ވިއްކާތީ އީޔޫން ޓީމޫ 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

ޓީމޫ ޕްލެޓްފޯމް މެދުވެރިކޮށް، ނުރައްކާތެރި ކުޑަކުދިންގެ ކުޅޭ އެއްޗިއްސާއި މައްސަލަ ހުންނަ ޗާޖަރުތައް ހިމެނޭހެން، ގާނޫނާ ހިލާފު އަދި ރައްކާތެރިނޫން މުދާ ވިއްކުމަށް ފުރުސަތު ދިން މައްސަލައިގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ރެގިއުލޭޓަރުން އެ ކުންފުނި 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
ޔޫރަޕިއަން ކޮމިޝަނުން މިއަދު ބުނި ގޮތުގައި، ޓީމޫގެ ވެބްސައިޓް މެދުވެރިކޮށް ވިއްކާ މުދަލުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ދިރާސާކޮށް އަދި ވަޒަންކުރުމުގައި އެ ކުންފުނި ވަނީ އިހުމާލުވެފަ އެވެ.
މި ފިޔަވަޅު އަޅާފައިވަނީ، އީޔޫގެ ޑިޖިޓަލް ސާވިސަސް ގާނޫނުގެ ދަށުން ބޮޑު އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޓީމޫން، އެ ގާނޫނަށް ބޯލަނބާތޯ ބެލުމަށް އޮކްޓޫބަރު 2024ގައި ފެށި ތަހުގީގަކަށް ފަހު އެވެ.
މިނިވަން ފަރާތްތަކުން ސިއްރިއްޔާތުގައި ވިޔަފާރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ޓީމޫ މެދުވެރިކޮށް ގަނެފައިވާ ގިނަ ޗާޖަރުތަކެއް ވަނީ ކަރަންޓުގެ ރައްކާތެރިކަމުގެ ޓެސްޓުތަކުން ފޭލްވެފަ އެވެ. އަދި ބައެއް ކުޑަކުދިންގެ ކުޅޭ އެއްޗެހީގައި މާ ގިނައިން ކެމިކަލް ހުރިއިރު، ބައެއް އެއްޗެހިން ނެއްޓޭ ގޮތަށް ހުރި ބައިތައް ކުދިންނަށް ކެވި، ނޭވާލާ ނުލެވޭ ހިސާބަށް ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުނެވެ.
އީޔޫގެ ޓެކް ކޮމިޝަނަރު ހެނާ ވިރްކުނެން ވިދާޅުވީ، މި ނިންމުމަކީ އެ ކުންފުންޏަށް ވަރަށް ވަރުގަދަ މެސެޖެއް ދިނުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށެވެ.
ޓީމޫން ބުނި ގޮތުގައި، އެ ކުންފުނިން މި ނިންމުމާ ދެކޮޅު ހަދަ އެވެ. އަދި މި ޖޫރިމަނާއަކީ އާންމު މިންގަނޑަށް ވުރެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރި އެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މި ހޯދުންތަކަކީ 2024 ވަނަ އަހަރާ ގުޅޭ ހޯދުންތަކެއް ކަމަށާއި މިއީ މިހާރު އެ ކުންފުނީގެ ސިސްޓަމްތައް ހުރި ހާލަތު ބަޔާންކޮށްދޭ ކަމެއް ނޫނެވެ.
މި މައްސަލަތައް ހައްލުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް އަންނަ 28 އޮގަސްޓުގެ ކުރިން ހުށަހެޅުމަށް އެ ކުންފުންޏަށް މިހާރު ވަނީ އަމުރުކޮށްފަ އެވެ. އޭގެ ފަހުން، އެ ކުންފުނިން އަޅާ ފިޔަވަޅުތައް ފުދޭތޯ ކޮމިޝަނުން ވަޒަންކުރާނެ އެވެ.
މި މައްސަލައަކީ އީޔޫގެ ޑިޖިޓަލް ސާވިސަސް ގާނޫނުގެ ދަށުން، ވެބްސައިޓްތަކުގައި ހުންނަ މައުލޫމާތާއި މުދަލާ ގުޅިގެން ނެރުނު ދެވަނަ ބޮޑު އަދަބެވެ. މީގެ ކުރިން މިދިޔަ އަހަރު ވަނީ އެކްސް (ކުރީގެ ޓުވިޓާ) 120 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ