ވޯލްޑް ކަޕް ބޯމަތީގައި އޮއްވައި ނޭމާ އަށް އަނިޔާވެ މުއްދަތަކަށް ކުޅުމާ ދުރަށް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 28) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ބްރެޒިލްގެ ތަރި، ނޭމާގެ ފަޔަށް އަނިޔާވެ، މަދުވެގެން ދެ ހަފްތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް ބްރެޒިލް ޓީމުން ބުނެފި އެވެ. 
ބްރެޒިލް ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލަސްމާ ބުނީ، ޓީމުގެ ކޭމްޕަށް އިއްޔެ ނޭމާ އައުމާ ގުޅިގެން އޭނާގެ އެމްއާރްއައި ޓެސްޓްތަކެއް ހެދުނު ކަމަށާއި ރިޕޯޓްތައް ދައްކާ ގޮތަށް ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާ އިން އެއްކޮށް ރަނގަޅުވާން، 2-3 ހަފްތާ ވަރުނަގާނެ ކަމަށެވެ. 
މާނަ އަކީ، ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނޭ، އުމުރުން 34 އަހަރުގެ ނޭމާ އަށް ބްރެޒިލުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ގެއްލުމެވެ. ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަން، މޮރޮކޯއާ އެވެ.
ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ 2023 ވަނަ އަހަރު އެވެ. އަނިޔާ އާއި ފިޓްނަސްގެ އެކި މައްސަލަތަކުގެ ސަބަބުން ބްރެޒިލް ޓީމަށް ނޭމާ އަށް އެރޭ ގޮތެއްނުވި އެވެ.  މިދިޔަ މާޗް މަހު ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑު ލިސްޓުގައި ނޭމާގެ ނަން އޮތެވެ. އެކަމަކު، އަނިޔާއާ ހެދި ނޭމާ ވަކިވާން ޖެހުނީ އެވެ. 
ބްރެޒިލްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނަމުން އައީ ފިޓްކޮށް ހުރެފިނަމަ ނޭމާ އަށް ބްރެޒިލްް ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ. އަންނަ މަަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި. ނޭމާގެ ނަން ހިމެނީ ފަހަކަށް އައިސް ފިޓްވުމަށްޓަކައި އޭނާ ކުރި މަސައްކަތް ކާމިޔާބުވެ، ބްރެޒިލްްގެ މެނޭޖްމަންޓަށް އެކަން ޔަގީންކޮށްދިނުމުންނެވެ. 
އެކަމަކު، އަނެއްކާ ވެސް ނޭމާ އަށް މި ދިމާވި އަނިޔާގެ މައްސަލައިގެ ސަބަބުން، ބްރެޒިލްގެ ކޯޗިން ޓީމުން ނޭމާ ބޭނުންކުރަން ގެންގުޅޭ ޕްލޭނަށް ބަދަލުތަކެއް އަންނާނެ އެވެ. އެއްކޮށް ފިޓްކޮށް ނެތީސް ނޭމާ އަށް ޓީމުން ފުރުސަތު ދޭތީވެ، ބައެއް މީޑިއާތަކުގެ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުންނެވެ. އެކަމަކު، ބްރެޒިލް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ނޭމާގެ ތަޖުރިބާ މި މުބާރާތުގައި ދަނޑުމަތިން ބްރެޒިލަށް މުހިންމުވާނެތީ، އޭނާ ސްކޮޑުގައި ހިމެނެން ޖެހޭ ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ