ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު، ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ ކުރީކޮޅު ޕީއެންސީން ނާޒިމް މަގާމުން ވަކިކުރުމަށް ކުއްލި ގޮތަކަށް ހުށަހެޅި މައްސަލައިގައި ޕާޓީގެ 72 މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ.
ނާޒިމާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ނާޒިމްގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، މި ތުހުމަތުތަކުގެ އެއްވެސް ތަފްސީލެއް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ހާމަކޮށްފައެއް ނުވެއެވެ. ނާޒިމް ވަކިކުރަން ހުށަހެޅީ، އަމިއްލައަށް އިސްތިއުފާ ދޭން އެންގުމުން އެކަމަށް އިންކާރު ކުރުމުންނެވެ.
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ އެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހު މި މައްސަލަ ކުރިއަށް ގެންދާނެކަން މިހާރު ވަނީ މެންބަރުންނަށް އަންގާފައެވެ.
މި މައްސަލައިގައި ބަހުސް ކުރުމަށް މެންބަރުންނަށް 50 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމައި، ދިފާއުގައި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަގާމުން ވަކިކުރާ މައްސަލައިގައި ނާޒިމް ވެސް މިހާތަނަށް ވާހަކަ ދައްކާފައި ނުވެ އެވެ. އަދި އޭނާގެ މައްސަލަ ހުށަހެޅުމުގެ ކުރިޔަށް މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފަ އެވެ. އޭރު ނާޒިމްގެ ބަދަލުގައި އެހެން މެމްބަރަކު ކޮމިޓީތަކަށް އައްޔަނު ކުރުމަށް ނިންމާފައި ވަނީ، މަސައްކަތްތަކަށް ނާޒިމްއަށް ވަގުތު ދެވެން ނެތުމުންކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
ނާޒިމް ވަކިކުރާ މައްސަލައިގައި ބާއްވާ މަޖިލިސް ބައްދަލުވުމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަފްސީލު އެނގިގެންދާނެ އެވެ. އަދި ޕީއެންސީގެ މެމްބަރުންގެ ވާހަކަ ދައްކަވާ ގޮތުން، މައްސަލަ ފެށިގެން އައި ގޮތާއި، މައްސަލަ ގޯސްވީ ސަބަބު ވެސް ސާފުވާނެކަމަށް ބެލެވެ އެވެ.
ނާޒިމް ވަކިކުރާ ސަބަބެއްކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރަނީ، ނާޒިމް އިސްވެ ހުރެ ޕީއެންސީގެ 23 މެމްބަރަކާއި އެކު ފްލޯ ކްރޮސް ކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ނާޒިމް މަސައްކަތް ކުރެއްވީ ޕާޓީ ބަދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށެވެ. އަދި ރައީސް މުއިއްޒު ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށް، އެއީ އާއިލީ ދަތުރުފުޅެއްކަމަށް ބުނެފައެވެ.
ަަނާޒިމް ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ