ނާޒިމް ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން ތާވަލުކޮށްފި އެވެ. 
ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ގަރާރާ ގުޅޭ ގޮތުން ބަހުސް ކުރަން އާދިއްތަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވާއިރު، އެއީ މި ދައުރުގެ ފަހު ޖަލްސާ ބާއްވާ ދުވަހެވެ. އަދި މަޖިލީހުގެ ދައުރު އާދިއްތަ ދުވަހާ ހަމައަށް ދަންމާލީ ވެސް ނާޒިމްގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
އެ ގަރާރާ މެންބަރުން ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ 50 މިނެޓަށެވެ. އަދި ނާޒިމަށް ޖަވާބުދާރީވާން ދޭން ނިންމާފައިވަނީ 10 މިނެޓެވެ. 
ނާޒިމް މަގާމުން ވަކިކުރަން ހުށަހަޅަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަށް ފަހު ނާޒިމް މަގާމުގެ ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއި ކުރެއްވި އެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ. 
The most trusted news source in the Maldives
އެ ގަރާރުގައިވާ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަން "ސާފުވާން އޮތަތީ" އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވެ އެވެ. އަދި ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ގަރާރުގައި ބުންޏެވެ. 
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 24 މެމްބަރުންނެވެ.
ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. 
The most trusted news source in the Maldives
މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އަދި ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އޮތް ކަމަށް އަޑު ފެތުރިފައި ވަނިކޮށް ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. 
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ