ގޫގުލް އޭޕީއައިގެ މައްސަލައަކުން މަޝްހޫރު އެޕްތަކުގެ ޖެމިނައި ޑޭޓާ ނުރައްކަލަށް!
ގޫގުލްގެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) ކީ އާކިޓެކްޗާގައި ހުރި ބޮޑު މައްސަލައެއްގެ ސަބަބުން، މަޝްހޫރު އެތައް އެންޑްރޮއިޑް އެޕްލިކޭޝަންތަކެއްގައި ހިމެނޭ ޖެމިނައި އޭއައިގެ މައުލޫމާތުތަކެއް ހާމަވުމުގެ ނުރައްކަލާ ކުރިމަތިވެއްޖެއެވެ. ސައިބަސެކިއުރިޓީ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކްލައުޑްސެކް އިން ހާމަކޮށްފައިވާ ގޮތުގައި، އެންޑްރޮއިޑް އެޕްތަކުގައި ޖެމިނައި އޭޕީއައި އިންޓަގްރޭޓް ކުރުމުން ކްލައިންޓް-ސައިޑް އޭޕީއައި ކީ އަކަށް މުހިންމު ހުއްދަތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ޔޫޒަރުން ޗެޓްބޮޓާ ހިއްސާކުރާ ޒާތީ މައުލޫމާތުތައް ހެކަރުންނަށް ވަގަށް ނެގުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. މި މައްސަލަ ދިމާވަނީ ގޫގުލް މެޕްސް ނުވަތަ ފަޔަބޭސް ފަދަ ޚިދުމަތްތައް ބޭނުންކުރުމަށް އެޕްތަކުގެ ކޯޑުގެ ތެރޭގައި ހިމަނާފައިވާ އޭޕީއައި ކީއާ ގުޅިގެންނެވެ. https://sun.mv/218190 ކުރިން ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެވުނު މި ކީ ހިމެނޭ އެޕެއްގައި ޖެމިނައި އޭޕީއައި އެކްޓިވޭޓް ކުރުމާއެކު، އެއްވެސް އިންޒާރަކާ ނުލައި އެ ކީއަށް ޖެމިނައިގެ ހުރިހާ ބާރުތަކެއް ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އެޕްގެ ކޯޑުތައް ރޫޅާލައިގެން (ޑީކޮމްޕައިލް ކޮށްގެން) ހެކަރުންނަށް މި ކީ ހޯދުމުގެ ފުރުސަތު އޮންނައިރު، މިއީ ސީދާ ޖެމިނައި އެކައުންޓަށް ވަދެވޭނެ ތަޅުދަނޑިއަކަށް ވެގެންދެއެވެ. ކްލައުޑްސެކްގެ މޯބައިލް އެޕް ސެކިއުރިޓީ ސާޗް އިންޖީނުން އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ ދިހަހާސް އެންޑްރޮއިޑް އެޕް ސްކޭން ކުރުމުން، ފަސްސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު އިންސްޓޯލްކޮށްފައިވާ ބާވީސް އެޕަކުން ބައްތިރީސް ލައިވް ގޫގުލް އޭޕީއައި ކީ ފެނިފައިވެއެވެ. މީގެ ތެރޭގައި އޯޔޯ ހޮޓެލްސް، ގޫގުލް ޕޭ ފޯ ބިޒްނަސް، ޓާއޯބާއޯ، އަޕްނާ ޖޮބް ސާޗް އެޕް، އެލްސާ ސްޕީކް އަދި ދަ ހިންދޫ ފަދަ އާންމުންގެ ތެރޭގައި މަޝްހޫރު އެތައް އެޕެއް ހިމެނެއެވެ. މި ނުރައްކާތެރި މައްސަލައިގެ ސަބަބުން އާންމު ޔޫޒަރުން ޖެމިނައި އާ ހިއްސާކުރާ ލިޔެކިޔުންތަކާއި، ފޮޓޯ އަދި އޯޑިއޯ ފަދަ ޒާތީ މައުލޫމާތުތަކާއި ކޭޝްކުރެވިފައިވާ އޭއައި ކޮންޓެކްސްޓް ހެކަރުންނަށް ފެނުމުގެ ބިރު ވަރަށް ބޮޑެވެ. އަނެއްކޮޅުން، ޖެމިނައި އޭޕީއައި އަކީ އަގުދީގެން ބޭނުންކުރަންޖެހޭ އެއްޗަކަށް ވާއިރު، ހެކަރުން މި ކީ ބޭނުންކޮށްގެން ހުއްދަނެތި ކަންކަން ކުރުމުން ޑިވެލޮޕަރުން ބޮޑެތި ބިލްތަކެއް ދައްކަން ޖެހިދާނެއެވެ. އަދި ޔޫޒަރުންގެ މައުލޫމާތު ލީކުވުމުގެ ސަބަބުން ގާނޫނީ ގޮތުންވެސް ކުންފުނިތަކަށް ބޮޑެތި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ގޫގުލް ކްލައުޑް ޕްރޮޖެކްޓްތަކުގައިވާ ހުރިހާ އޭޕީއައި ކީތައް ޗެކްކުރުމަށާއި، މޯބައިލް އެޕްތަކުގައި ހިމަނާފައިވާ ކީތައް ބަދަލުކުރުމަށް ކްލައުޑްސެކް އިން ވަނީ ކުންފުނިތަކަށް ލަފާދީފައެވެ. އަދި ވަކި ޚިދުމަތްތަކަކަށް އެކަނި ކީ ބޭނުންކުރެވޭގޮތަށް ލިމިޓުކުރުމަށާއި، އެޕްގެ ސޯސް ކޯޑުގެ ތެރޭގައި ކީތައް ހާޑްކޯޑު ނުކުރުމަށްވެސް ވަނީ އިރުޝާދުދީފައެވެ. އާންމު ޔޫޒަރުންނަށް މިކަމުގައި މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް، އިތުބާރު ނުކުރެވޭ އެޕްތަކުގައި ޖެމިނައި ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ހަމައެކަނި ރަސްމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ