ޗެޓްޖީޕީޓީން މަހަކު 100 ޑޮލަރުގެ އައު ޕްރޯ ޕްލޭނެއް ތައާރަފުކޮށްފި
އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ކުރިއަރަމުން އަންނަ އޯޕަންއޭއައި އިން، ޗެޓްޖީޕީޓީގެ ބާރުގަދަ ޔޫޒަރުންނަށް ނުވަތަ "ޕަވަ ޔޫޒަރުންނަށް" ހާއްސަކޮށްގެން މަހަކު 100 ޑޮލަރުގެ އައު ސަބްސްކްރިޕްޝަން ޕްލޭނެއް ތައާރަފުކޮށްފިއެވެ. މިހާތަނަށް ޗެޓްޖީޕީޓީގައި އޮތީ ހިލޭ ބޭނުންކުރެވޭ ޕްލޭނެއްގެ އިތުރުން، އިޝްތިހާރާއެކު ބޭނުންކުރެވޭ 8 ޑޮލަރުގެ "ގޯ" ޕްލޭނާއި، 20 ޑޮލަރުގެ "ޕްލަސް" ޕްލޭން އަދި މަހަކު 200 ޑޮލަރުގެ "ޕްރޯ" ޕްލޭނެކެވެ. https://sun.mv/219411 އަލަށް ތައާރަފުކުރި 100 ޑޮލަރުގެ ޕްލޭނަކީ 20 ޑޮލަރުގެ ޕްލޭނާއި 200 ޑޮލަރުގެ ޕްލޭނާ ދެމެދުގައި އޮތް ބޮޑު ފަރަގު ކުޑަކުރުމަށް ތައާރަފުކުރި ޕްލޭނެކެވެ. އޯޕަންއޭއައި އިން ބުނި ގޮތުގައި މި އައު "ޕްރޯ" ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކޯޑިންގްގެ މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ. މި ޕްލޭނުގެ ސަބަބުން، 20 ޑޮލަރުގެ ޕްލަސް ޕްލޭނަށްވުރެ ފަސް ގުނަ އިތުރަށް ކޯޑިންގް ޓޫލް ކަމަށްވާ "ކޯޑެކްސް" ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެންތުރޮޕިކް ކުންފުނީގެ "ކްލޯޑް" އިން ދެމުންދާ 100 ޑޮލަރުގެ ޕްލޭނާ ވާދަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އޯޕަންއޭއައިގެ ތަރުޖަމާނަކު މައުލޫމާތު ދިން ގޮތުގައި، މި އައު ޕްލޭން ފަރުމާކޮށްފައިވަނީ ގިނަ ވަގުތު ކޯޑިންގްގެ މަސައްކަތުގައި އުޅޭ ޑިވެލޮޕަރުންނަށް ހާއްސަކޮށްގެންނެވެ. އަދި އަންނަ މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މި ޕްލޭނުގައި ކޯޑެކްސް ބޭނުންކުރެވޭ މިންވަރު އާދަޔާ ހިލާފަށް މަތިކޮށްފައި އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް، އެއްވެސް ޕްލޭނަކީ ހިފެހެއްޓުމެއް ނެތް ނުވަތަ "އަންލިމިޓެޑް" ޕްލޭނެއް ނޫނެވެ. އެންމެ އަގުބޮޑު 200 ޑޮލަރުގެ ޕްލޭނަކީ ޕްލަސް ޕްލޭނަށްވުރެ 20 ގުނަ އިތުރު ލިމިޓް ލިބޭ، އެންމެ ބުރަ މަސައްކަތްތަކަށް ހާއްސަ ޕްލޭނެކެވެ. މިހާރުވެސް ހަފުތާއަކު ތިން މިލިއަނަށްވުރެ ގިނަ މީހުން ކޯޑެކްސް ބޭނުންކުރަމުންދާއިރު، މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފަސް ގުނަ އިތުރުވުމެކެވެ. އޯޕަންއޭއައިގެ މި އައު ޕްރޯ ޕްލޭނާއެކު މި އަދަދު އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ