ތ. ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްފަށައިފިއެވެ. ގާދިއްފުށީ ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެނެވެ.
ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ. މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މި މަޝްރޫޢުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. 10 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، ގާދިއްފުށީގެ އިތުރުން 11 ހެކްޓަރުގެ ބިން ހިއްކާއިރު، ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ރައްޔިތުންނަށް ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުންދެކެއެވެ.
ރައީސް ގާދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން ހެލްތް ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކާ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ނޫނަސް ރަށުގެ ކައުންސިލްގެ އާ އިމާރާތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށާއި ކުޅިވަރު ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތުގައި، ރަށުގައި ފުޓުބޯޅަ ދަނޑުގެ ޓާފް އާކޮށްދީ، ފެންސްޖެހުމާއެކު އިތުރަށް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ