ވަގު ލިޔެކިޔުން ހުށަހަޅައިގެން ފޯކައިދޫ ކައުންސިލްގެ ބޮޑު ބިޑެއް ބަޔަކު ކާމިޔާބުކޮށްފި

ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ށ. ފޯކައިދޫ ކައުންސިލްގެ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ބީލަމެއް ކުންފުންޏަކުން ކާމިޔާބުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. ށ. ފޯކައިދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބީލަންތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްކަން ކަށަވަރުނުކޮށް، ބިޑުތައް އިވެލުއޭޓްކޮށްފައި ވުމުން ކޮންޓްރެކްޓަރު ހުށަހަޅާފައިވާ ފޯޖު ލިޔުންތަކަކަށް ބަލައި މަސައްކަތް ހަވާލު ކުރެވިފައިވެއެވެ. އެއީ، އެކްސްކަވޭޓަރަކާއި ޑަމްޕްޓްރަކެއް ކައުންސިލަށް ހޯދުމަށް 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގަކަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ދެ ވެހިކަލް ޕްރޮޖެކްޓްގެ ބީލަން ވެސް ކާމިޔާބުކުރީ އެއް ކޮންޓްރެކްޓަރެއްކަން އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެ ކޮންޓްރެކްޓަރު ވަނީ ބީލަން ކާމިޔާބު ކުރުމަށްޓަކައި ފޯޖުކޮށްފައިވާ ލިޔެކިޔުން ހުށަހަޅާފައި ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އެއީ، ފޯޖުކޮށްފައިވާ ކޮންޓްރެކްޓަރުގެ ތަޖުރިބާގެ ލިޔުން އަދި މީރާގެ ޓެކްސް ކްލިއަރެންސްއާ ގުޅޭ ޑޮކިއުމެންޓް ކަމަށް އޮޑިޓްގައި ބަޔާންކޮށްފައިވެއެވެ. ލިޔެކިޔުން ފޯޖުކޮށްގެން ބީލަން ކާމިޔާބުކުރި ނަމަވެސް އެ ދެ ވެހިކަލް ފޯކައިދޫ ކައުންސިލާ ހަވާލުކޮށްފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އެކަމަކު، އިދާރާގައި މައްސަލަ ބެލުމަށް އިންތިޒާމުކުރެވިފައިވާ ގޮތަށް މައްސަލަ ބެލުމަށް ފަހު އެކަމުގައި ޖިނާއީ ކުށެއް ހިމެނޭތީ އެކަން ފުލުސް އޮފީހަށް ހުށަހެޅުމަށް އޮޑިޓުން ވަނީ ލަފާދީފައެވެ. ދައުލަތުގެ އިދާރާއަކަށް ސައްހަ ނޫން ނުވަތަ އޮޅުވާލާފައިވާ ލިޔެކިޔުމެއް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ބޮޑު ކުށެކެވެ. ޤާނޫނުލްޢުޤޫބާތުގެ 311 ވަނަ މާއްދާގެ ދަށުން، އޮޅުވާލާފައިވާ ލިޔުމެއްކަން ނުވަތަ ސައްހަ ނޫން ލިޔުމެއްކަން އެނގިހުރެ، އެ ލިޔުން ސައްހަ ލިޔުމެއްގެ ގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. މިއީ ލިޔެކިޔުން އޮޅުވާލުމުގެ ކުށާ އެއްވަރުގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމެކެވެ. ​ޤާނޫނުލްޢުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ މުވައްޒަފަކަށް، އެނގިހުރެ ދޮގު މަޢުލޫމާތު ދިނުމަކީ ނުވަތަ ދޮގު ލިޔުމެއް ހުށަހެޅުމަކީ ކުށެކެވެ. މިއީ އެ އިދާރާއަކުން ނިންމާ ނިންމުމަކަށް ނުފޫޒު ފޯރުވުމަށް ނުވަތަ އޮޅުވާލުމަށް ކުރާ ކަމެއް ނަމަ މި މާއްދާގެ ދަށުން ދައުވާ ކުރެވޭނެއެވެ. މިފަދަ ކުށްތަކަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ނުވަތަ ބައެއް ހާލަތްތަކުގައި މުޖުނޫނުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެވެ. އަދަބު ކަނޑައެޅުމުގައި ބަލާނީ އެ ލިޔުމެއްގެ ބާވަތަށާއި، އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަށެވެ. މިސާލަކަށް ދައުލަތުގެ ރަސްމީ ސިއްކަ ޖަހާފައިވާ ލިޔުމެއް ނަމަ އަދަބު ބޮޑުވާނެއެވެ. އާންމު އުސޫލުން މިފަދަ ކުށަކަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް އައުމުގެ ފުރުސަތު އޮވެއެވެ. ހުށަހަޅާ ލިޔުމަކީ ވަކި ޚާއްސަ ދާއިރާއަކާ ގުޅޭ ލިޔުމެއް ނަމަ (މިސާލަކަށް ޓެކުހާ ގުޅޭ، ކުންފުންޏާ ގުޅޭ ނުވަތަ އިންތިޚާބާ ގުޅޭ ލިޔުމެއް ނަމަ)، ޤާނޫނުލްޢުޤޫބާތުގެ އިތުރުން އެ ދާއިރާއެއްގެ ޚާއްސަ ޤާނޫނުގެ ދަށުން ވެސް ޖިނާއީ ދައުވާ ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ