ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އަލުން ގުނުމާއެކު އެމްޑީއޭގެ ކެނޑިޑޭޓް އިންތިހާބުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމުން، އެ ރަށުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށްފަހު އެމްޑީއޭގެ ކެނޑިޑޭޓް އިންތިހާބުވެއްޖެއެވެ.
މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމާއި، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ނަސީމެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި މީދޫގެ ދެ ނަމްބަރު ވޯޓު ފޮށީގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެ ބިއުރޯއިން މައްސަލަ ބެލުމަށްފަހު ވޯޓު އަލުން ގުނުމަށް އެންގުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ފޮށި އަލުން ގުނާފައެވެ.
ވޯޓު ފޮށި އަލުން ގުނުމުން ލިބުނު ނަތީޖާ ދައްކާގޮތުން، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދަށް އެ ފޮށިން 127 ވޯޓު ލިބިފައިވެއެވެ. ޕީއެންސީގެ ކެނޑިޑޭޓަށް 114 ވޯޓު ލިބުނުއިރު، އަމިއްލަ ކެނޑިޑޭޓަށް ލިބުނީ 36 ވޯޓެވެ. އަދި މި ފޮށިން 17 ވޯޓު ވަނީ ބާޠިލްވެފައެވެ.
މުޅި ރަށުގެ ވަގުތީ ޖުމްލަ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ކެނޑިޑޭޓަށް ޖުމްލަ ލިބިފައިވަނީ 392 ވޯޓެވެ. ޕީއެންސީގެ ކެނޑިޑޭޓަށް 391 ވޯޓު ލިބިފައިވާއިރު، އަމިއްލަ ކެނޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ