މިދިޔަ ހޮނިހިދރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުން އޮންނާނީ އަންނަ މެއި މަހުގެ 17 ވަނަދުވަހު ކަމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނުގައިވާގޮތުން، ކައުންސިލްތަކުގެ ދައުރަކީ 5 އަހަރުދުވަހެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކުގައި ތިއްބެވި ކައުންސިލަރުން ހުވައިކުރީ، 2021 ވަނައަހަރުގެ މެއި މަހުގެ 17 ވަނަދުވަހުއެވެ. އެހެންވެ، އަލަށް އިންތިޚާބުވި ކައުންސިލަރުން، އަންނަ މެއި މަހުގެ 17 ވާ އާދީއްތަދުވަހު ހުވައި ކުރަންޖެހޭނެއެވެ. ކައުންސިލަރުންނާއެކު، އަލަށް އިންތިޚާބުވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުވައިކުރުންވެސް އޮންނާނެއެވެ.
ކައުންސިލަރުންގެ ހުވައިކުރުން އަންނަ މަހުގެ 17 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވިޔަސް، ހުވައިކުރުމުގެ ރަސްމިއްޔާތުތަކުގެ ގަޑި ކަނޑައަޅާނީ ފަނޑިޔާރުން ލިބެންހުރި ގޮތަށް ބަލައިފަކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1362 މެމްބަރުން ވަނީ ހޮވައިފަ އެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ