އިރާނުގެ އަސްކަރީ ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރަށްޓަކައި، ޑިއޭގޯ ގާސިއާގައި ހިމާޔަތް ދީފަ ހުރި މީހަކު ޕްރައިވެޓް ޖެޓެއްގައި ރާއްޖެއަށް ގެނައުމަށް ނިންމައިފިކަމަށް އިނގިރޭސިވިލާތުގެ 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓުކޮށްފިއެވެ.
'ކޭޕީ' ގެ ނަމުން ނަންދީފައިވާ ތަމަޅަ ނަސްލުގެ މި މީހާ ރާއްޖެއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ވަނީ ހުއްދަދީފައެވެ. އޭނާ ޑިއޭގޯ ގާސިއާގައި ތާށިވީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ އަންހެނަކަށް ޖިންސީ ގޯނާކުރުމާއި މުދަލުގައި އަލިފާން ރޯކުރުމުގެ ކުށުގެ ރެކޯޑުތަކަކާ ގުޅިގެން އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ނުދިނުމުންނެވެ. އޭނާއަކީ 2021 ވަނަ އަހަރު ސްރީލަންކާގެ އަސްކަރިއްޔާގެ ފަރާތުން ލިބުނު އަނިޔާތަކުން ސަލާމަތްވުމަށް ކަނޑުމަގުން ފިލައިގެން ދިޔަ އެތައް ސަތޭކަ ތަމަޅައިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އިނގިރޭސި ވިލާތުގެ ހައިކޯޓުގައި ހާމަކޮށްފައިވާ ގޮތުން، ނަފްސާނީ މައްސަލަތަކަކަށް ފަރުވާ ހޯދަމުންދާ ކޭޕީ 30 ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި ބެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އަދި އޭނާ ރާއްޖެ އައުމަށްފަހު ބަންދު ނުކުރާނެ ކަމަށާއި، އޭނާގެ ހުރިހާ ކަމަކާ ހަވާލުވެ ހުންނާނީ އިނގިރޭސި ސަރުކާރުން ކަމަށްވެސް ކޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާ އަނބުރާ ސްރީލަންކާއަށް ފޮނުވާނުލާނެކަމުގެ ޔަގީންކަން ދިވެހި ކަމާބެހޭ ފަރާތްތަކުން ދީފައިވާކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ބުނެއެވެ.
ޑިއޭގޯ ގާސިއާގައި ތިބި އާންމުންގެ ސަލާމަތާމެދު ކަންބޮޑުވުން އުފެދުނީ، މެދުއިރުމަތީގެ ހަނގުރާމައިގައި އެމެރިކާގެ ދިފާއީ މިޝަންތަކަށް އެ ރަށް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދިނުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އިރާނުން އެ ރަށަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޭޕީގެ މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވެފައިވަނީ، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ހާއްސަ ޑޮކްޓަރުންގެ ޓީމެއްގެ އެހީތެރިކަމާއެކު ކޭޕީގެ ނަފްސާނީ ސިއްހަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުން އޭނާ ރާއްޖެއަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަނުޖެއްސިނަމަ، ކޯޓު އަމުރެއްގެ ދަށުން އެކަން ކުރުމަށް އަންގަވާނެ ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދީ އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމާފައިވާގޮތަށް ކޭޕީ ރާއްޖެ ގެންނާނެ ވަކި ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ. އަދި އޭނާ ރާއްޖެ ގެނެސް 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ކޭޕީއަށް ވާނެ ގޮތެއް އަދި ނިންމާފައި ނުވާއިރު، އޭނާއަށް ހިމާޔަތް ދިނުމަށް އިނގިރޭސި ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޑިއޭގޯ ގާސިއާގައި ހިމާޔަތް ދީފަ ހުރި މީހަކު ރާއްޖެ ގެންނަން އިނގިރޭސި ކޯޓަކުން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ