އެމްޑީޕީގެ ލީޑާޝިޕުގައި މިވަގުތު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދިފައިވާ ކަމަށާއި އެންމެ ލަސްވެގެން މާދަމާ ރޭ ގޮތެއް ނިމި، އެކަކު ވެސް ބާކީނުވާނެހެން މުޅި ލީޑާޝިޕް އެކީގައި ކުރިއަށްދާތަން ފެންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިފަހަރު އެމްޑީޕީ ތެރޭގައި ހިތްހަމަނުޖެހުންތައް ފެށުނީ، ކައުންސިލް އިންތިހާބުގެ ކާމިޔާބީއަށް ފަހު އުފާފާޅުކުރަން އެ ޕާޓީން މާލޭގައި ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަދައްކަވަން ފުރުސަތު ނުދިނުމުންނެވެ. އެ ފުރުސަތު ނުދިނީ ލީޑާޝިޕްގެ ބައެއް ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވުމުން ކަމުގެ ތުހުމަތު ނަޝީދުގެ ފެކްޝަނުން ކުރެ އެވެ.
އޭގެ ފަހުން:
ވަކި ސަބަބެއް ބަޔާން ނުކޮށް، އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު ވަކިކޮށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކޮށްފައިވާތީ ހިތްހަމަނުޖެހުންތައް އިތުރަށް ބޮޑުވި
މިކަމާ ހިތްހަމަނުޖެހި ނަޝީދު ފެކްޝަނުން ވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވަކިކުރުމުގެ މަސައްކަތް ފަށައި، އެކަމަށްޓަކައި ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދޭން 55 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާފައި
ތަފްސީލް - ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމީޔާބީ ފާހަގަކުރަން އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ލިބުނު ކާމިޔާބީއާ އެކު އުފާ ފާޅުކުރަންވީ ވަގުތުގައި، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އާންމު މެމްބަރުންނަށް މާޔޫސްކަމެއް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކަށް ފުރުސަތު އޮންނަ ޕާޓީއެއް ކަމަށާއި އެ ހިޔާލު ތަފާތުވުންތައް އެއްގަލަކަށް އަރުވަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް މީގެ ކުރިން ވެސް ކާމިޔާބު ހޯދާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެމްބަރުން އެދޭ ގޮތަށް އަޅުގަނޑުމެންގެ މުޅި ލީޑާޝިޕް އެކީގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް މި ހިސާބަށް އައިރު ހޯދިއްޖެ. އަޅުގަނޑުމެން އެމްޑީޕީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ލީޑާޝިޕް ހަމަ އެކީގައި އޮވެގެން. އެއްވެސް މީހަކު ބާކީނުވާނެ ގޮތަކަށް އިންތިޒާމު ކުރެވިގެން،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވިގޮތުން:
މިފަހަރު ވެސް ދިމާވީ ހަމަ އަބަދުވެސް އެމްޑީޕީގެ އެތެރޭގައި ދިމާވާ ކަހަލަ ހިޔާލު ތަފާތުވުންތަކެއް؛ އެއީ އާންމު މެމްބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް މިފަހަރު ވެއްޖެ
ޕާޓީގެ ލީޑާޝިޕުން އެ ދުވަހުން ފެށިގެން ދަނީ އެ ކަމަށް މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން؛ އިއްޔެއިން ފެށިގެން އެމަނިކުފާނު ވެސް ގިނަވަގުތު ހޭދަކުރައްވަމުން ގެންދަވަނީ އެކަމުގައި
މިހާރު ޗެއާޕާސަން ގަފޫރު އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޕާޓީގެ ހުރިހާ ލީޑަރުން ހިމެނޭ ފަދަ ގޮތަކަށް ރޭވިގެން އެމްޑީޕީ ކުރިއަށްދާތަން ފެންނާނެ
"އަޅުގަނޑުމެންގެ މި މަސައްކަތުގެ އަމާޒަކީ ލަސްވެގެން މާދަމާ ނޫނީ މާދަމާ ރޭ މިކަމަށް ހައްލެއް ގެނެސް، ޕާޓީގެ މެމްބަރުން އެ އެދޭ ގޮތަށް 2028ގެ ރިޔާސީ އިންތިހާބަށް އަމާޒު ހިފުން. އިރާދަކުރެއްވިއްޔާ 2028ގައި އަނެއްކާވެސް ރާއްޖޭގައި އުފެދިގެންދާނީ މި އެމްޑީޕީގެ ތި މެމްބަރުންގެ ތާއީދާ އޮތް ވެރިކަމެއް،" ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ދިން ބޮޑު އަގުލަބިއްޔަތާއެކު ހަވާލުކޮށްފައިވާ ޒިންމާއަކީ މިހާރުގެ ސަރުކާރު ބަދަލުކުރުން ކަމަށެވެ. އެކަން އެމްޑީޕީން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެކަމަށްޓަކައި މިއަދުން މިއަދަށް މަސައްކަތް ފަށަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގައި މިވަގުތު އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދިއްޖެ، އެކަކު ވެސް ބާކީއެއް ނުވާނެ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ