މީގެ 19 އަހަރު ކުރިން ސަސްޕެންޑް ކުރި ސިފައިންގެ މީހަކަށް ވަޒީފާ ދޭން ހުކުމެއް

މީގެ 19 އަހަރު ކުރިން، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ސައްހަ ނޫން ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ވަޒީފާއިން ސަސްޕެންޑް ކުރި ސިފައިންގެ މީހެއްގެ ވަޒީފާ އަލުން ރުޖޫއަކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، 2007 ވަނަ އަހަރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތާއި، ސައްހަ ނޫން ފައިސާ ގެންގުޅުނުކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރު ކުރި މައްސަލައެކެވެ. އެ މައްސަލައިގައި 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު މި ސިފައިންގެ މީހާ ފުލުހުން ހައްޔަރުކޮށް، އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބަންދުން ދޫކޮށްލިއެވެ. މިއީ މި މައްސަލަ ސިވިލް ކޯޓުން ނިންމި ދެވަނަ ފަހަރެވެ. ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ކޯޓުން މި މައްސަލަ އަލުން ނިންމަން ޖެހުނީ، ސިވިލް ކޯޓުން ފުރަތަމަ ނިންމި ނިންމުން، ސިފައިންގެ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލަން އަލުން އެންގުމުންނެވެ. ހައިކޯޓުގެ އެންގުމާއެކު އަލުން ބަލައި ނިންމި މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ސިފައިންގެ މީހާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޮންނަ އުސޫލުތަކުގެ ތެރެއިންކަން އެނގޭކަން ނެތެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރެވެ. އެ މައްސަލަ ހައިކޯޓުން ނިންމީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. ހައިކޯޓުން، އެ މައްސަލަ ސިވިލް ކޯޓުން އަލުން ބަލަން އެންގުމުން، އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު، ކުރި ހުކުމުގައި ވަނީ ސިފައިންގެ މީހާ ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރި ދުވަހާއި ހަމައަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ވެސް ނަގައިދޭން އަންގައިފައެވެ. އަދި އެ ސިފައިންގެ މީހާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، 30 ދުވަހުގެ ތެރޭގައި ވަޒީފާ އަލުން ރުޖޫއަކޮށްދޭން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ