ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްސަލަޖެހިގެން އަލުން ގުނި ދ. މީދޫ ކައުންސިލުގެ ވޯޓު ފޮށިން ކުރި ލިބި ކައުންސިލް ރައީސްކަން އެމްޑީއޭގެ ކެންޑިޑޭޓު މިއަދު ކާމިޔާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީދޫ ކައުންސިލުގެ ރައީސްކަމަށް ތިން ކެންޑިޑޭޓަކު ވާދަކުރި އެވެ. އެއީ:
ވެރިކަންކުރާ ޕީއެންސީ - ސުހާ އިބްރާހިމް
އެމްޑީއޭ - މުހައްމަދު ޝާހިދު
އަމިއްލަގޮތުން - އިބްރާހިމް ނަސީމް
އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ކައުންސިލުގެ ރައީސްކަން 393 ވޯޓާ އެކު، އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެންމެ ގާތުން ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނީ 392 ވޯޓެވެ.
އެކަމަކު، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ އެމްޑީއޭން އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިދިޔަ ހޯމަ ދުވަހު މައްސަލައެއް ހުށަހެޅި އެވެ. ޕީއެންސީގެ ވޯޓެއް ބާތިލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ވޯޓު އަލުން ގުނަން އެދި، ޕީއެންސީން ވެސް އެ ބިއުރޯއަށް މައްސަލައެއް ހުށަހެޅި އެވެ.
ތަފްސީލް - އެމްޑީއޭން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އީސީން މިއަދު ނިންމާފައިވަނީ، އެމްޑީއޭން ހުށަހަޅާފައިވާ މައްސަލާގައި ވާގޮތަށް، ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓު ލާފައިވާތީ، އެ ވޯޓު ބާތިލު ކަމަށެވެ. އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު 392 ވޯޓުން އެއްވަރުވި އެވެ.
މީގެ އިތުރުން، ބާތިލު ވޯޓުގެ މައްސަލާގައި ޕީއެންސީން އެދުނު ގޮތަށް މިއަދު ވަނީ އެ ދާއިރާގެ 2 ނަންބަރު ވޯޓު ފޮށި އަލުން ގުނާފަ އެވެ. އެމްޑީއޭއަށް ކައުންސިލުގެ ރައީސްގެ ގޮނޑި ކަަށަވަރުވީ، މިއަދު އެ ފޮށި އަލުން ގުނިއިރު، އިތުރު ވޯޓެއް ބާތިލުކަމަށް ކަނޑައެޅުމުންނެވެ.
މިއަދު ގުނި ވޯޓު ފޮށިން ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 114 ވޯޓެވެ. އަދި އެމްޑީއޭ ކެންޑިޑޭޓަށް 127 ވޯޓު ލިބުނެވެ.
އެހެންކަމުން އީސީން މިހާރު އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން:
ޖުމްލަ 392 ވޯޓާ އެކު ކައުންސިލު ރައީސްގެ މަގާމު ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ ކެންޑިޑޭޓު
ޕީއެންސީގެ ކެންޑިޑޭޓަށް މުޅި ޖުމްލަ ލިބުނީ 391 ވޯޓު
މި ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 100 ވޯޓު
އަލުން ގުނި ވޯޓު ފޮށިން ކުރި ލިބި ދ. މީދޫ ކައުންސިލްގެ ރައީސްކަން އެމްޑީއޭއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ