ރޯދައަށް ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވުމަށް ރޭ ވަނީ ހުޅުމާލޭ ޕީޕަލްސް ޗޮއިސް އައުޓްލެޓްގައި ޚާއްސަ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އިކޮނަމޮކް މިނިސްޓަރު މުހައްމަދު ސަޢީދެވެ. އެސްޓީއޯއިން ބުނީ، މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބޭނެ ކަމަށެވެ. ހުޅުމާލޭގައި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އައުޓްލެޓް ހުޅުވުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ އެ ކުންފުނިން ބުނީ، ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓިއޯގެ ޕްރެޒެންސެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން ރޭ ހުޅުވި އައުޓްލެޓާ އެކު ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެސްޓީއޯއިން ވިއްކާ މުދާތައް ފަސޭހަކަމާ އެކު ލިބޭނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި، މި ބަރަކާތްތެރި ރަމަޟޯން މަހު ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި 23 ބާވަތް ރޭ ހުޅޫވުނު އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ހުޅުމާލޭގައި ހުޅުވި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އައުޓްލެޓް -- ފޮޓޯ: އެސްޓީއޯ މީގެ އިތުރުން، އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބޭނެ ކަމަށާއި އެ ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީއާއި އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް ހުޅުމާލޭ އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ، ހުޅުމާލޭ އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގައި އުޅުއްވާ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް މި ތަކެތި ދޫކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ. ހުޅުމާލޭގައި ހުޅުވި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އައުޓްލެޓް -- ފޮޓޯ: އެސްޓީއޯ އެސްޓީއޯގެ މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ. މި އައުޓްލެޓް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 8:30 އިން 22:00 އަށް އަދި ހުކުރު ދުވަހު 16:00 އިން 22:00 ހުޅުވިފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ