ރޭ ޕޯޗުގަލްގެ ބެންފީކާ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑަށް ރީތި ލަނޑެއް ޖަހައި ކުރި ހޯދައިދިނުމަށް ފަހު ވިނީޝިއަސް ޖޫނިއާއަށް ދެން ދިމާވީ އެހެން މައްސަލައެކެވެ. ބެންފީކާގެ އާޖެންޓީނާ ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއާނީ އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލީ ކަމަށް ބުނެ، ރެފްރީއާ ދިމާއަށް ގޮސް ޝަކުވާ އޮއްސާލި އެވެ.
އެހާ ހިސާބުން ކުޅުން މެދުކެނޑުނީ އެވެ. ވިނީޝިއަސް އާއި ރެއާލްގެ އެހެން ކުޅުންތެރން ދަނޑުން ފޭބި އެވެ. ބެންފީކާގެ ކޯޗު އަދި ކުރިން ރެއާލްއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ހޯސޭ މޮރީނިޔޯ ގޮސް ވިނީޝިއަސްއާ ވެސް ވާހަކަ ދެއްކި އެވެ.
މެޗުގެ 50 މިނިޓްގައި ޖެހި ލަނޑަށް ފަހު ކޮއްޓައިގެން އަލުން ކުޅެން ފެށުނީ އެ ހައިޖާނުގަނޑެއްގައި 10 ވަރަކަށް މިނިޓް ވީ ފަހުންނެވެ. ރެއާލް މޮޅުވީ 1-0އިންނެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ލަނޑު ޖަހާފައި ވިނީޝިއަސް ގޮސް ކޯނަރު ދަނޑި ކައިރީގައި ހުރެ އުފާ ފާޅުކުރަން ދެއްކި ހަރަކާތްތަކަކީ ބެންފީކާގެ ސަޕޯޓަރުންނަށް ކުރި މަލާމާތެކެވެ. އެކަމާ ގުޅިގެން ރެފްރީ އޭނާއަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.
މެޗަށް ފަހު އޮތީ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެއް ބަޔަކު އަނެއް ބަޔަކު ދިފާއުވުމެވެ. ވިނީޝިއަސް ބުނީ އޭނާއާ ދިމާލަށް ރާމާމަކުނެކޭ ކިޔާ ގޮވި ކަމަށެވެ. ވީޑިއޯއިން ފެންނަނީ ޕްރެސްޓިއާނީގެ ޖާޒީން އަނގަ ނިވާކޮށްގެން ހުރެ ކޮންމެވެސް އެއްޗެކޭ ބުނާ ތަނެވެ. ވަގުތުން ވިނީޝިއަސް ދުއްވައިގަންނަނީ ރެފްރީއާ ދިމާލަަށެވެ.
ރެއާލްގެ ފްރާންސް ފޯވަޑް ކީލިއަން އެމްބާޕޭ ބުނީ ޗެމްޕިއަންސް ލީގުން ޕްރެސްޓިއާނީއަށް ދެން ޖާގަ ލިބިގެން ނުވާނެ ކަމަށެވެ.
ނަމަވެސް ނަސްލީ ގޮތުން މީހަކާ ދިމާކުރުމުގެ އެއްވެސް އަމަލެއް ނުހިންގާ ކަމަށް ޕްރެސްޓީއާނީ ބުންޏެވެ. އެއީ އޭނާ ދުވަހަކު ވެސް ކުރި ކަމެއް ނޫން ކަމަށް ބުނެ ދިފާއުވި އެވެ.
ޕްލޭ-އޮފް ފުރަތަމަ މެޗުގައި ރެއާލް އާއި ބެންފީކާ މި ޖެހުނީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފަހު މެޗުގައި، ބެންފީކާގެ ގޯލްކީޕަރު ކުރިއަށް އަރާ ޖެހި ލަނޑުން 3-2އިން ރެއާލް ބަލިކޮށްފައި އޮއްވަ އެވެ. އެ މެޗުގެ އެ ނަތީޖާގެ ސަބަބުން ގަދަ އަށް ޓީމުގެ ޖާގައިން ރެއާލް ވެއްޓުނެވެ. އެހެންވެ ގަދަ 16 އިން ޖާގަ ހޯދަން ޕްލޭ-އޮފް ދެ މެޗު ކުޅެން ޖެހުނީ އެވެ. ގުރުލައިގެން ދިމާވި އަނެއްކާވެސް ބެންފީކާއާ ވާދަކުރާށެވެ.
ޕްލޭ-އޮފް ދެވަނަަ މެޗު އަންނަ ހަފުތާގައި އޮންނާނީ ރެއާލްގެ ދަނޑުގަ އެވެ.
ވިނީޝިއަސްގެ ލަނޑަށް ވުރެ ބޮޑުވީ ނަސްލީ ދިމާކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ