ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްޖިދުލް ޔޫސުފުލް ބަރުބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރުނަމާދު ވަގުތުގައެވެ.
ސަރުކާރުން، އަމިއްލަ ފަރާތަކާއި ޙަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްޤީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތުގެ އެކި ސަރަޙައްދުތައް ބަލައްވާލައްވާފައެވެ.
ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އެކި ރަށްރަށުގައި ބިނާ ކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާއި ދިމާކޮށްވެސް ވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ