މިފްކޯއިން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް
މީގެ ހަތް އަހަރު ކުރިން، މިފްކޯގެ ވޭނެއްގެ ބިއްލޫރިތައް ތަޅާލައި، ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާއި ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވި މިފްކޯގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ލައްކައެއްހާ ރުފިޔާ ދޭން ޖެހިއްޖެއެވެ. ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރިގަތީ 2019 ވަނަ އަހަރުގެ މާރިޗު މަހެވެ. މި ޖަރީމާ ގައި ފައިސާ ފޭރިގަތީ ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވޭނެއްގައި ފައިސާ ހިފައިގެން ދަނިކޮށް، ސައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށް ފަހު އެވެ. ވޭނުގެ ބިއްލޫރިގަނޑު ވެސް ތަޅައި، ފައިސާ ފޭރިގަތް މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެ މައްސަލައާ ގުޅިގެން، އޭރު މިފްކޯގެ ޖޫނިއާ އެގްޒެކެޓިވްއެއްގެ މަގާމުގައި ހުރި، މ. ސައިލާ، އިސްމާއިލް ނާތިގު ވަޒީފާއިން ވަކިކުރިއެވެ. އެ މައްސަލަ ނާތިގުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ނިންމާފައިވަނީ ނާތިގު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށް އަދި ވަޒީފާ ވެސް އަނބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމް ކުރިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިފްކޯގެ ފަރާތުންނެވެ. މިފްކޯގެ ފަރާތުން، 2021 ވަނަ އަހަރު ހުށަހެޅި އެ މައްސަލަ، ގާތްގަނޑަކަށް ފަސް އަހަރު ފަހުން ހައިކޯޓުން އަންގާރަ ދުވަހު ނިންމިއިރުވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހުކުމުގެ އެއްބައި ބާތިލުކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައިވަނީ ނާގިތު ވަޒީފާއިން ވަކިކުރުމުގައި މައްސަލަތަކެއް ހުރިނަމަވެސް އަލުން ވަޒީފާދޭން އެންގި އެންގުން ބާތިލުކޮށްފައެވެ. އެއާއެކު، އޭނާއަށް އޭރު ލިބެމުން ދިޔަ މުސާރަ އާއި އިނާޔަތްތަކުގެ އަދަދުން، އެއް އަހަރަށްވާ ފައިސާ ދިނުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރިއެވެ. އޭނާގެ މުސާރައައަކީ އޭރު 5050 ރުފިޔާއެވެ. އަދި އެލަވަންސްގެ ގޮތުގައި އޭގެ 60 އިންސައްތަ އޭރު ލިބޭއިރު، އަހަރަކަށް ބަލާނަމަ އެއީ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާއެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ ފަނޑިޔާރު ހުސެއިން މަޒީރު، މުހައްމަދު ޝަނީޒް އަބްދުﷲ އަދި އަބްދުﷲ ޖަމީލް މޫސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ