ކާބޯތަކެތި ފަސޭހައިން އެތެރެކުރެވޭ ގޮތް ހަދަން، ބޭންކުތަކަށް އިތުރަށް ބޭރު ފައިސާ ދޫކުރަނީ

މިއަދު ފެށި މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވިޔަފާރިވެރިންނަށް ފަސޭހައިން ކާބޯތަކެތި އެތެރެކުރެވޭނެ ގޮތް ހެދުމަށް ޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފިއެވެ. އެމްއެމްއޭއިން ބުނީ، އިއްޔެއިން ފެށިގެން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް އާންމު އުސޫލުން ވިއްކާ ވަރަށް ވުރެ ބޭރު ފައިސާ އިތުރުކުރާނެ ކަމަށެވެ. އެގޮތުން އާންމުކޮށް ބޭންކުތަކަށް ވިއްކާ ވަރަށް ވުރެ 32 ޕަސެންޓު އިތުރަށް ބޭރު ފައިސާ ވިއްކާނެ ކަމަށް، އެމްއެމްއޭއިން ބުންޏެވެ. މަރުކަޒީ ބޭންކުން ބުނިގޮތުގައި، މިއީ ރަމަޟާން މަހުގެ ތެރޭ އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ. ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. މިއީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭއިން ސިފަކުރެއެވެ. ބޭންކުތަކަށް ބޭރު ފައިސާ ދޫކުރާނެ މިންވަރު އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް، އަދިވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށް ވުރެ މަތީގައެވެ. އެހެންކަމުން އަދިވެސް ޑޮލަރު ލިބުމުގައި އާންމުންނަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ