ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނީ ގޯސް ނަތީޖާއެއް ނޫން ކަމަށް ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީން ގެނެސްދިން "ބޮޑު ހަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އިންތިހާބުގައި ނުކުތީ ސަރުކާރުން އެންމެ ބޭނުންވާ ނަތީޖާއެއް ނޫން ކަމަށާއި ހުރިހާ ރަށެއްގެ މެޖޯރިޓީއާއި ހުރިހާ ގޮނޑިއެއް ނަގަން ސަރުކާރުން ބޭނުންވާނެ ކަމަށެވެ. ނަމަވެސް ޖުމްލަކޮށް މުޅި އިންތިހާބަގެ ނަތީޖާއަށް ބެލުމުން ސަރުކާރަށް ލިބުނީ ގޯސް ނަތީޖާއެކޭ ބުނެވޭކަށް ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އެންމެ ފަހުން އެމްޑީޕީގެ ވެރިކަމުގައި ވެސް އޭރުގަވެސް އެމްޑީޕީއަކަށް ނޫނެއް ނޫންތޯ ލޯކަލް ކައުންސިލް އިންތިހާބުގެ ކްލިއާ މެޖޯރިޓީ އަންނަނީ ދެއްތޯ. ވަރަށް މަސައްކަތް ކުރިން އަޅުގަނޑުމެން އެންމެ ބޭނުންވާ ނަތީޖާ ނެރެވޭތޯ. އެކަމަކު ޖުމްލަކޮށް ލިބުނު ނަތީޖާ ރަނގަޅޭ. މީތި މި އޮޅުވާލަނީ ރިފެރެންޑަމްއާއި ގުޅުވާލާފަ،" މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ، ވޯޓުގެ ކުރިން ވެސް ރެފެރެންޑަމްއާއި ގުޅިގެން ރައީސްއާއި ވާހަކަ ދައްކައި، ރައީސްގެ "ޕާސަނަލް އިންޓްރެސްޓް" އެކަމުގައި އޮތްތޯ ސުވާލު ކުރެއްވި ކަމަށެވެ.
"ވިދާޅުވީ ނޫނެކޭ. ވޯޓުލުމުގެ ކުރިން ހަރުގޭގައި ބޭއްވި ޖަލްސާގައި ވެސް އަޅުގަނޑު އެދުވަހުގެ ސްޕީޗްގައި ވެސް މެންޝަން ކުރިން، މި ފެންނަ ކަމަށް ފާސްވިޔަސް ނުފެންނަ ކަމަށް ފާސްވިޔަސް ރައީސަށްވާ ޕާސަނަލް ފައިދާއެއް ނެތޭ،" މަހުލޫފް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް 16 އަތޮޅުގެ މެޖޯރިޓީ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީން ވަރަށް ވަރުގަދަކޮށް އޮތް ރަށްތައް ވެސް ޕީއެންސީއަށް ލިބުނު ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
އިންތިހާބުގައި ސަރުކާރަށް ލިބުނީ ގޯސް ނަތީޖާއެެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ