އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް 4-3އިން ބަލިކޮށް ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޖަރުމަނުގެ ބަޔާން މިއުނިކް ދަތުރު ކޮށްފި އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ މައްޗަށް ބަޔާން ކުރި ހޯދީ ދެ މެޗުން 6-4ގެ ނަތީޖާއިންނެވެ. ރޭގެ މެޗަށް ފަހު ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ރެއާލް މެޑްރިޑަށް އޭނާގެ ޓީމު ހައިރާން ކޮށްނުލެވުނު ކަމަށެވެ.
"އަހަރުމެންގެ ޓީމުގެ ހިތްވަރާއި ކެރުން އަހަރެން ފާހަގަ ކުރަން. ފަހަތުން އަރައި މެޗުން މޮޅުވި މައިގަނޑު ސަބަބަކީ އެއީ. މިއީ ވަރަށް ފުރިހަމަ ކާމިޔާބީ އެއް،" ކޮމްޕެނީ ބުންޏެވެ.
ނަމަވެސް ރެއާލް މެޑްރިޑުގެ ކޯޗު އަލްވާރޯ އާބެލޯއާ ހުރީ މެޗުގެ ރެފްރީއާ މެދު ހިތްހަމަ ނުޖެހިފަ އެވެ. އަރްދާ ގުލާ މެޗުގެ ފުރަތަމަ މިނިޓްގައި ގޯލު ޖަހައި ލީޑް ހޯދައިދީ އެ ލީޑު ފުޅާކޮށްދިންއިރު ކީލިއަން އެމްބާޕޭ ވެސް ލަނޑު ޖެހި މެޗާ ބެހޭ ގޮތުން އާބެލޯއާ ބުނީ މެޗު ބަޔާން ކޮޅަށް އެނބުރިގެންދިޔައީ ރެފްރީގެ ނިންމުތަކުގެ ސަބަބުންނެވެ. އޭނާ ބޮޑަށް އިޝާރާތް ކުރީ ރެއާލްގެ އެޑުއާޑޯ ކަމްވިންގާ އަށް ރަތްކާޑު ދައްކާފައިވާތީ އެވެ.
"އަހަރެން ޓީމާމެދު ފަހުރުވެރިވަން. މެޗުން މޮޅުވާން އެ މީހުން ވަރަށް މަސައްކަތް ކުރި. އެކަމަކު ރެފްރީ މެޗު ހަލާކު ކޮށްލީ. އަހަރުމެން މި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. މިއީ ވަރަށް އިމޯޝަނަލް މެޗެއް. ދެ ޓީމު ވެސް ވަރަށް ވާންކޮށްފައި މި މެޗު އަހަރުމެންނަށް ލިބިގެންދިޔައީ،" ކޯޗު ބުންޏެވެ.
ހަ ފަހަރު މުބާރާތް ކާމިޔާބުކޮށް ތިން ވަނަ އަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސެމީ ފައިނަލުގައި ބަޔާން ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސްގެ ޕީއެސްޖީއާ އެވެ.
މި ނަތީޖާއާއެކު މި ސީޒަން ރެއާލް ނިންމާލަން ޖެހޭނީ އަނެއްކާ ވެސް ތައްޓެއް ނުލިބި އެވެ. ކިރިޔާ ވެސް ތައްޓެއްގެ އުއްމީދެއް އޮތީ ސްޕެނިޝް ލީގުގަ އެވެ. ނަމަވެސް ޓީމު އޮތީ ވާދަވެރި ބާސެލޯނާއަށްވުރެ ނުވަ ޕޮއިންޓް ފަހަތުގަ އެވެ. އެ ތަށި ނުލިބިއްޖެނަމަ މި ސީޒަން ވާނީ ފާއިތުވެދިޔަ 16 އަހަރު ތެރޭގައި ރެއާލް އަށް ތައްޓެއް ނުލިބި ވިދިވިދިގެން ނިންމާލަން ޖެހޭ ދެ ވަނަ ސީޒަނަށެވެ.
ސެމީ އަށް ބަޔާން، ބަލިވުމުގެ ޒިންމާ އާބެލޯއާ އެޅުވީ ރެފްރީގެ ބޮލުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ