ވާރޭވެހި، މާލޭގައި އަނެއްކާވެސް ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި
ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައާއެކު ބޯކޮށް ވާރޭވެހި, މާލޭގެ މަގުތަކުގައި މިއަދު ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ފަޔާ އެންޑް ރެސްކިއު ޓީމުން، މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރާކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. މާފަންނުގައި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް މާލެއަށް ވާރޭވެހުމާއެކު، ފެންބޮޑުވުމަކީ ގިނަ ދުވަސްވީއިރު ވެސް ހައްލު ނުވެ އޮތް މައްސަލައެކެވެ. ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން އެ މައްސަލަ ހައްލުކުރުމަށް، މަގު ހެދުމުގައި ވެސް ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ކާނުތައް ސާފުކުރުމުގެ މަސައްކަތް ވެސް ކުރެއެވެ. މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުންނެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. https://sun.mv/220691 މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ނަމަވެސް، ވާރޭވެހި ވިއްސާރަކުރަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންކަމުން ވިއްސާރަވެ ވާރޭވެހުނުކަމުގައިވީ ނަމަވެސް، އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ