އެމެރިކާގެ މެސެޖަކާއެކު ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް އީރާނަށް

އެމެރިކާ ސަރުކާރުގެ މުހިންމު މެސެޖެއް ރައްދުކުރުމަށްޓަކައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު އިސްވެ ހުންނަވާ މަތީ ފަންތީގެ ވަފުދެއް އީރާނަށް ވަޑައިގެންފިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާއެކު ފެށުނު މި ހަނގުރާމައަށް ހަ ހަފްތާ ވެފައިވާއިރު، ދެ ފަރާތުން މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
އީރާނަށް ވަޑައިގެންނެވި ޕާކިސްތާނުގެ ވަފުދަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ މަރުޙަބާ ދަންނަވާފައެވެ.
އީރާނުން ކަށަވަރުކޮށްދިން ގޮތުގައި، މަޝްވަރާތަކުގެ ފުރަތަމަ ބުރަށް ފަހު ވެސް ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއާއެކު މުއާމަލާތްތައް ދަނީ ކުރިއަށެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ކުރިއަށް އޮތް ދުވަސްތަކަކީ ހެޔޮ ބަދަލުތަކެއް ފެންނާނެ ދުވަސްތަކެއް ކަމަށާއި، ޞުލްޙަ ޤާއިމުކުރުމަށް ފީލްޑް މާޝަލް އާސިމް މުނީރު ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައިވާ މުއްދަތު މި މަހުގެ 22 އަށް ހަމަވާއިރު، މެދުވެރިވާ ޤައުމުތަކުން މަސައްކަތް ކުރަމުންދަނީ މުހިންމު ތިން ކަމަކަށް ދާއިމީ ޙައްލެއް ހޯދުމަށެވެ. އެއީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުގެ މައްސަލައާއި، އިޤްތިޞާދީ ގޮތުން މުހިންމު ހުރުމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އިތުރުން، ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމެވެ.
އެމެރިކާގެ ވަފުދެއް މަޝްވަރާގެ އިތުރު ބުރަކަށް އަލުން ޕާކިސްތާނަށް ދިއުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ