މިދިޔަ ހޮނިހިރު ދުވަހު ގއ. ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދިން ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - މިޔަރު ހަމަލާގައި އަނިޔާވީ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 30 އަހަރުގެ ފިރިހެނަކަށެވެ.
ތަފްސީލް - ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ ވަނީ ހަމަ އެ ދުވަހުގެ ރޭ މާލެ ގެނެސްފަ އެވެ.
"މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލާފަ އެވެ،" އެ ހާދިސާއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ރޭ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި ފުރިހަމަކުރަން ޖެހޭ އިޖުރާއީ ކަންކަން ފުރިހަމަކޮށް، ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން ވެސް ޑައިވް ކުރުމުގެ ތެރޭގައި މިޔަރު ހަމަލާދީގެން ފަތުރުވެރިންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައި އެބަހުއްޓެވެ.
ސިފައިންގެ މޫދު ތަމްރީނެއްގައި އުޅެނިކޮށް، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން 2024 ވަނަ އަހަރު ދިވެހި ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.
މިޔަރު ހަމަލާގައި އަނިޔާވި ފަތުރުވެރިޔާގެ އެއް ފައި ބުރިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ