ތުރުކީގެ މަދަރުސާއެއްގައި ބަޑީގެ ހަމަލާތަކެއްދީ ނުވަ މީހަކު މަރާލައިފިއެވެ. ތުރުކީގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ މަދަރުސާއެއްގައި ބަޑިން ދިން ހަމަލާތަކެއްގައި މަދުވެގެން އަށް ދަރިވަރުންނާއި މުދައްރިސަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ސިފްޗީ ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކަހްރަމަންމަރަސް ސަރަހައްދުގައި ހުންނަ އައިސަރު ޖާލިކް ސެކަންޑަރީ ސްކޫލްގައެވެ. އެ ސަރަހައްދުގެ ގަވަރުނަރު މުކައްރަމް އުންލުއާ ވިދާޅުވި ގޮތުގައި، ހަމަލާދިން މީހާވެސް ވަނީ މި ހާދިސާގެ ތެރޭގައި މަރުވެފައެވެ.
މިއީ ތުރުކީގެ ދެކުނުގެ އެހެން މަދަރުސާއެއްގައި ކުރީގެ ދަރިވަރަކު ބަޑިން ހަމަލާދީ، އަމިއްލައަށް މަރުވުމުގެ ކުރިން 16 މީހަކު ޒަހަމްކޮށްލިތާ އެއް ދުވަސް ފަހުން ހިނގި ދެވަނަ ހާދިސާއެވެ.
މިނިސްޓަރު ސިފްޗީ ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ މި ހަމަލާގައި 13 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސްއެވެ. މި ހަމަލާ ދިން ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ފުރާވަރުގެ ކުއްޖެއް ކަމަށް ބެލެވޭ ހަމަލާދިން މީހާ މަދަރުސާގެ ދެ ކްލާސްރޫމަކަށް ވަދެފައިވަނީ ފަސް ބަޑިއާއި ހަތް މެގަޒިން ހިފައިގެންނެވެ. ގަވަރުނަރު ތުހުމަތު ކުރައްވާ ގޮތުގައި މި ހަތިޔާރުތަކަކީ ކުރިން ފުލުހެއްގެ ވަޒީފާ އަދާކުރި އެ ކުއްޖާގެ ބައްޕަގެ ހަތިޔާރުތަކެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން މިހާރު ވަނީ އެ ކުއްޖާގެ ބައްޕަ ބަންދުކޮށްފައެވެ.
ބީބީސީން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާގެ ވަގުތުގައި މަދަރުސާގެ ފުރަތަމަ ބުރީގެ ކުޑަދޮރުތަކުން ބައެއް މީހުން ފުންމާލައިގެން ސަލާމަތްވާން ދުވާ މަންޒަރު ފެނެއެވެ.
ތުރުކީގެ އެންޓީވީގެ ރިޕޯޓަރަކު ބުނި ގޮތުގައި، ބަޑިޖެހި އަޑު ވަރަށް ގަދައަށް އިވުނުއިރު، މަދަރުސާގެ ކުރިމަތީގައި ބޮޑު ބިރުވެރިކަމެއް އުފެދިފައި އޮތެވެ. މި ހިތާމަވެރި ހަބަރު ލިބުމާއެކު، ގިނަ އަދަދެއްގެ ބެލެނިވެރިން ރޮމުން މަދަރުސާގެ ދޮރުމައްޗަށް ޖަމާވެފައިވެއެވެ.
ސްކޫލެއްގައި ބަޑީގެ ދެވަނަ ހަމަލާ- 9 މީހުން މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ