ހާލިދާ ޒިޔާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭގަމް ހާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.
ބޭގަމް ހާލިދާ ޒިޔާ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވީ އިރު އުމުރުފުޅަކީ، 80 އަހަރެވެ. ޑާކާގެ އެވާކެއާ ހޮސްޕިޓަލުގައި އެކަމަނާ އަވަހާރަވީއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ.
1991 ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބޭއްވި ފުރަތަމަ މިނިވަން އިންތިހާބުން ކާމިޔާބީ ހޯއްދެވީ ހާލިދާއެވެ. އެ ކާމިޔާބީއާ އެކު, ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވިއެވެ. އެއާއެކު ހާލިދާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު, ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ