ދެކުނުގައި ހިންގަމުން އައި އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ، ޝަންގްރިއްލާ އަލުން ހުޅުވައި، އެ ރިސޯޓަށް އައި އެންމެ ފުރަތަމަ ޓޫރިސްޓު މީހާއަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އައްޑޫ އަތޮޅު ވިލިނގިލީގައި ތަރައްގީކޮށްގެން ހިންގަމުން ޝަންގްރިއްލާ ބަންދުކުރީ ކޮވިޑު ބަލިމަޑުކަން ލައިގަތްތަނާހެން، އޭޕްރިލް، 2020 ގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި، އެ ރިސޯޓުގެ އޮޕަރޭޝަންތައް އެ އަހަރުގެ އޮގަސްޓުގައި އެއްކޮށް ހުއްޓާލުމާ ގުޅިގެން 500 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުނެވެ.
މި ރިސޯޓުގެ އޮޕަރޭޝަންތައް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ، މި އާ އަހަރަށް ޝަންގްރިއްލާ ހުޅުވަން އެ ރިސޯޓުގެ މެނޭޖުމަންޓާ އެކީ އެއްބަސްވުމަކަށް އާދެވިފައިވާ ކަން އިއުލާންކޮށްފަ އެވެ.
ޝަންގްރިއްލާގެ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރިސޯޓުގެ އޮޕަރޭޝަންތައް ފަށަން ހުރި ގިނަ ގޮނެޖްހުންތަކެއް ނައްތާލުމަށް، ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށެވެ.
"މި ގޮތުން، ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަން ޖެހޭ މަރާމާތު ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފަ،" ޓޫރިޒަމުން ބުންޏެވެ.
ޓޫރިޒަމުން ބުނީ ޝަންގްރިއްލާ ހުޅުވިގެން ދިޔުމަކީ އައްޑޫ ސިޓީގެ އިގުތިސޯދަށް ލިބިގެންދާނެ ކުރިއެރުމަށް ކަމަށެވެ. އަދި، މިއާ ގުޅިގެން ވަޒީފާގެ ފުރުސަތުތައް ފަހިވެ، ސަރަހައްދުގެ ޓޫރިޒަމަށް އާ ދިރުމެއް ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޝަންގްރިއްލާ ވިލިނގިލި ތަރައްގީކުރީ ދިވެހި ސަރުކާރުގެ 30 ޕަސެންޓު ހިއްސާވާ ޖޮއިންޓް ވެންޗާއެއް ހަދައިގެންނެވެ. މި ރިސޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސް، އަލުން ފައްޓަން އެންމެ ފުރަތަމަ ކުރިމަތިވީ ހުރަހަކީ މި މައްސަލަ އެވެ. ފަހުން ސަރުކާރުން ވަނީ މި ރިސޯޓުގައި އޮތް ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލާފަ އެވެ.
ކޮވިޑުގައި ބަންދުކުރި ޝަންގްރިއްލާ އަލުން ހުޅުވާ، ފުރަތަމަ ޓޫރިސްޓު މީހާ އައިސްފި ކޮވިޑުގައި ބަންދުކުރި ޝަންގްރިއްލާ އަލުން ހުޅުވާ، ފުރަތަމަ ޓޫރިސްޓު މީހާ އައިސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ