ފަސް އަަހަރު ފަހުން ޝަންގްރިއްލާ ހުޅުވައި، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
އައްޑޫ ސިޓީ ވިލިނގިލީގައި ތަރައްގީކޮށްފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހު ކަމަށެވެ. އެ ވުޒާރާއިން ބުނީ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން، އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލުނު ކަމަށެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ޝަންގްރިއްލާގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އެ ރިސޯޓުގެ ވެރިންނާއެކު މަޝަވްރާކޮށްފައެވެ. އެހެން ނަމަވެސް، އެ މަޝްވަރާތަކުން ކާމިޔާބީއެއް ނުލިބި، ޝަންގްރިއްލާގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވަނީ ވިއްކާލައިފައެވެ. އެ ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިއީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. އައްޑޫ ޝަންގްރިއްލާ ރިސޯޓު މިއަދު އަލުން ހުޅުވުން ---ފޮޓޯ: ތިމާވެށްޓާ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އެ ވުޒާރާއިން ބުނީ، ޝަންގްރިއްލާ ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ސަރުކާރުން ގިނަ މަޝްވަރާތަކެއްކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ވުޒާރާއިން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަތް ކަމަށް އެވުޒާރާއިން ބުންޏެވެ. އަދި ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމައަށް އެއްބާރުލުން ދީފައި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެ ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މިދިޔަ މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ. ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިގުތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. https://www.sun.mv/213551 ލަގްޒަރީ ފެންވަރުގައި ތަރައްގީކުރި ޝަންގްރިއްލާ ރިޒޯޓު ރަސްމީކޮށް ހުޅުވީ ޖުލައި 31، 2009 ގައެވެ. އެ ތަނަކީ ސްޕީޑް ލޯންޗަކުން ފަސް މިނެޓު ތެރޭގައި ދަތުރުކޮށްގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭހާ ކައިރީގައި އޮންނަ ތަނެކެވެ. ކޮވިޑަށް ފަހު، އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ފާއިތުވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ