އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ވެރިޔާ، ސާޖިދު ސަސްޕެންޑުކޮށްފި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ވެރިޔާ، ސާޖިދު ސަސްޕެންޑުކޮށްފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް މި އަހަރުގެ އޯގަސްޓް މަހު ހަމަޖެއްސި އިސްމާއިލް ސާޖިދު ސަސްޕެންޑުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސާޖިދު މަގާމުން ސަސްޕެންޑުކުރިތާ ދެ ދުވަހެއްވަރު ވެއްޖެ އެވެ. އެކަމަކު އޭނާ ސަސްޕެންޑުކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އެމްއެމްއޭގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޮގަސްޓު 3، ގަ އެވެ.
ސާޖިދު އެ މަގާމަށް ހަމަޖެއްސީ ރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ