މެކްސިކޯގެ ޑްރަގް ލޯޑް "އެލް މާޔޯ" އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

މެކްސިކޯގެ މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ ތެރޭގައި އެންމެ ނުފޫޒުގަދަ އަދި ނުރައްކާތެރި އެއް ލީޑަރު، އިސްމާއީލް "އެލް މާޔޯ" ޒަމްބާޑާގެ އުމުރަށް ޖަލަށް ލާން އެމެރިކާގެ ފެޑެރަލް ކޯޓަކުން ހުކުމްކޮށްފި އެވެ.
މިއީ އެމެރިކާއިން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން އޭނާ އަތުލައިގަތްތާ ދެ އަހަރު ފަހުން އިއްވި ހުކުމެކެވެ.
އުމުރުން 76 އަހަރުގެ ޒަމްބާޑާއަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު "އެލް ޗާޕޯ" އާ ގުޅިގެން މެކްސިކޯގެ އެންމެ ބާރުގަދަ ކާޓެލް ކަމަށްވާ "ސިނަލޯއާ ކާޓެލް" އުފެއްދި އެކަކެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު އެލް ޗާޕޯގެ ދަރިފުޅު، ހުއާކީން ގުޒްމާން ވަނީ ޒަމްބާޑާއަށް އޮޅުވާލައި، މެކްސިކޯގެ އުތުރުގެ ސިއްރު އެއާސްޓްރިޕްތަކެއް ބަލާލަން ދާކަމަށް ބުނެ ބޯޓަކަށް އަރުވައިގެން ޓެކްސަސްއަށް ގެންގޮސް އެމެރިކާގެ އޮފިޝަލުންނާ އޭނާ ހަވާލުކޮށްފަ އެވެ.
މި މައްސަލައިގައި 2025 ވަނަ އަހަރު، މަރުގެ އަދަބުން ސަލާމަތްވުމަށްޓަކައި ޒަމްބާޑާ ވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޖީނާއީ ރޭވުންތައް ރޭވިކަމުގެ ކުށަށް އިއުތިރާފުވެފަ އެވެ. 
ޒަމްބާޑާ ހައްޔަރުކުރެވުނު ފަހުން، ސިނަލޯއާ ކާޓެލްގެ އެތެރޭގައި ބާރު ހޯދުމަށް ދެ ފެކްޝަނެއްގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށި، ސިނަލޯއާ ސްޓޭޓުން 100 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. މީގެ ކުރިން 2016 ގައި އެލް ޗާޕޯ ހައްޔަރުކޮށް އެމެރިކާއަށް ފޮނުވާލުމުންވެސް މިފަދަ އަނިޔާވެރި ހަމަނުޖެހުންތަކެއް ހިނގިއިރު، އެލް ޗާޕޯވެސް މިހާރު ހުންނެވީ އެމެރިކާގެ ޖަލެއްގައި އުމުރު ދުވަހުގެ ހުކުމެއްގަ އެވެ.
މިހާރު އުފެދިގެން އުޅޭ އެންމެ ބޮޑު އެއް ސުވާލަކީ ޒަމްބާޑާ ހުކުމް ތަންފީޒުކުރާނެ ޖަލަކާމެދުގަ އެވެ. އޭނާގެ ސިއްހީ ހާލަތަށް ބަލައި ޖަލު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދެމުންދާއިރު، ޕްރޮސެކިއުޓަރުން ބުނަމުން ދަނީ އޭނާއަކީ ޖަލުގައި ހުރެގެންވެސް ކާޓެލްގެ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ހުރި މީހަކަށްވާތީ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލެއްގައި ބެހެއްޓުމަށެވެ. މިކަމުގައި ނިންމުން ނިންމާނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް ޕްރިޒަންސްއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ