ހިސާބުގެ އަސާސީ ހުނަރު ދަސްކޮށްދިނުމުގައި ހެދޭ ފަސް ގޯސް

ހިސާބު އިލްމުގެ އަސާސީ ހުނަރުތައް ދަސްކުރުމުގައި ދިމާވާ ހުރަސްތަކަކީ ވަރަށް އާންމު ކަމެކެވެ. މީގެ ސަބަބުން ކުދިންނާއި ބެލެނިވެރިންނަށް ވެސް ނުހަނު ބޮޑު މާޔޫސްކަމެއް ކުރިމަތިވެ އެވެ.
މިފަދަ ހުރަސްތައް ދިމާވާ އަސްލު ސަބަބު ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ، އެއްވެސް މީހަކަށް ފާހަގަނުވެ، ކުދިންގެ ކުރިއެރުން މަޑުޖައްސާލާ ފަސް ގޯހެއްގެ ސަބަބުންނެވެ.
ފުރަތަމަ ގޯސް: "ގުނުމުގެ މަރުހަލާ" ގައި މާ ގިނަ ދުވަަސްވުން
ކުއްޖަކު ހިސާބުގެ ފުރަތަމަ މަރުހަލާއެއްގައި ތާށިވެފައި ހުރިކަން އެނގޭ އެންމެ ސާފު ނިޝާނަކީ، އާދައިގެ ހިސާބުތައް ހަދާއިރު ވެސް އިނގިލިން ގުނުން ނުވަތަ ރޮނގު ދަމައިގެން ގުނުމެވެ.
މިސާލަކަށް، އަށަކާއި ފަހެއް އެއް ކުރުމަށް 13 އާ ހަމައަށް ދަރިފުޅު ގުނަމުންދާ ތަން ފެނިދާނެ އެވެ. ފުރަތަމަ މިއީ ރަނގަޅު ގޮތެއް ކަމަށް ފެނުނު ނަމަވެސް، މާ ގިނަ ދުވަހު މިގޮތުގައި ދެމިހުރެއްޖެ ނަމަ ކުއްޖާގެ ކުރިއެރުން މަޑުޖެހޭނެ އެވެ. 
ހިސާބު އިލްމުގެ ތަރައްގީއާ ގުޅޭ ގޮތުން ބަރޫޑީ ކޮށްފައިވާ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، މި މަރުހަލާގައި ތާށިވެފައި ތިބޭ ކުދިންނަށް "ރިލޭޝަނަލް ތިންކިން" ނުވަތަ ނަންބަރުތައް އެކަތި އަނެކައްޗާ ގުޅޭ ގޮތް ދެނެގަތުމުގެ ހުނަރަށް ބަދަލުވުމަށް ދަތިވެ އެވެ. މި ބަދަލު ނައިސްފި ނަމަ، ގުނަކުރުމާއި، ގެއްލުމާއި، ފްރެކްޝަން އަދި އެލްޖެބްރާ ފަދަ ފިލާވަޅުތައް އުނދަގޫވާނެ އެވެ. އެއީ ކޮންމެ އާ ހިސާބެއް ހަދަން ޖެހެނީ އަލުން އެކަކުން ފެށިގެން ގުނައިގެން ކަމަށް ވާތީ އެވެ.
މީގެ ހައްލަކީ އިނގިލިން ގުނުމުގެ ބަދަލުގައި، ނަންބަރުތައް ގުޅުވައިލަން ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.
ދެވަނަ ގޯސް: ވަގުތު ކަނޑައަޅައިގެން ހަދާ ހިސާބުގެ މަޅި
ވަގުތު ކަނޑައަޅައިގެން ހަދާ ހިސާބުތަކަކީ ނަތީޖާ ނެރެދޭ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ސްޓެންފޯޑް ޔުނިވާސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި ވަގުތު ބަލައިގެން ދޭ ޓެސްޓުތަކުގެ ސަބަބުން ކުދިން ހިސާބަށް ބިރުގަނެ، ނުތަނަވަސްކަން އުފެދެ އެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން ކުއްޖާގެ ހަނދާން ބަލިކޮށްލާ ފަދަ ހުރަސްތަކެއް ކުރިމަތިވެ، އަމިއްލައަށް އެނގޭ ހިސާބުތައް ވެސް ހަނދާން ނެތޭ ގޮތްވެ އެވެ. ގޭގެ ކާ މޭޒުދޮށުގައި އިނދެ ޖަވާބު ބުނަން އެނގޭ ކުއްޖާ، ޕްރެޝަރު ބޮޑުވުމުން ކުއްލިއަކަށް އެ ޖަވާބު ހަނދާން ނެތިދާނެ އެވެ.
ހަގީގީ ހިސާބުގެ ހުނަރުވެރިކަން އަންނަނީ ކަންކަން ދެނެގަތުމާއި އުސޫލުތައް ބޭނުންކޮށްގެންނެވެ. ދަރިފުޅު ޖަވާބު ހޯދި ގޮތާ ބެހޭ ގޮތުން ސުވާލުކުރާށެވެ. އެ ހިސާބު ހެދޭނެ އެހެން ގޮތެއް ދައްކައިދިނުމަށް އެދޭށެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން، ވަގުތު ބަލައިގެން ހަދާ ޓެސްޓުތަކަށް ވުރެ ބޮޑަށް ކުއްޖާގެ ވިސްނުން ތަރައްގީވާނެ އެވެ.
ކުއްޖާ ބޭނުންކުރާ އުސޫލުތައް ރަނގަޅުވެ، އެކަންކަން ފަހުމްވާން ފެށުމުން، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ހިސާބުތައް ހަދާ ދުވެލި އަވަސްވާނެ އެވެ.
ތިންވަނަ ގޯސް: ފަހުމްވުމެއް ނެތި ހިތުދަސްކުރުން
ދަރިފުޅު 7 ގުނަ 5 އަކީ 35 ކަން ފަސޭހަކަމާއެކު ބުނެފާނެ އެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެ ޖަވާބު ހަނދާން ނެތިދާނެ އެވެ. އެ ހާލަތުގައި ބޭނުންކުރާނެ އުސޫލެއް ނުވަތަ އެހެން ގޮތަކުން އެ ޖަވާބު އަލުން ހޯދާނެ ގޮތެއް ނޭނގޭ ނަމަ، އެއީ ހަމައެކަނި ތަކުރާރުކޮށްގެން ހިތުދަސްކުރުމުގެ ނަތީޖާ އެވެ.
އެމެރިކާގެ ނޭޝަނަލް ކައުންސިލް އޮފް ޓީޗާސް އޮފް މެތަމެޓިކްސް އިން ހާމަކުރާ ގޮތުގައި، ހަގީގީ ހުނަރުވެރިކަން ބިނާވެފައިވަނީ ކަންކަން ދެނެގަތުމުގެ (ކޮންސެޕްޗުއަލް އަންޑަސްޓޭންޑިން) މައްޗަށެވެ. އެއީ ދަރިވަރުން ބުނަންވީ އެއްޗެއް ހަމައެކަނި ހިތުދަސްކުރުމުގެ ބަދަލުގައި، އެ ނަންބަރުތަކުން ދޭހަވާ މާނަ ދެނެގަންނަން ޖެހެ އެވެ.
ނަންބަރުތަކުގެ ސެންސް އެނގުމުން ހިސާބު މުޅިން ބަދަލުވެގެންދެ އެވެ. ގުނަކުރުން ދަސްވެފައިވާ ކުއްޖަކު ހަމައެކަނި 7 ގުނަ 5 އަކީ 35 އޭ ބުނުމުގެ ބަދަލުގައި، ހަތެއްގެ ފަސް ގްރޫޕް ހިތަށް އަރުވާނެ އެވެ. ނުވަތަ އެކަން އަނެއްކޮޅަށް ވިސްނައި ގެއްލުމާ ގުޅުވާލާނެ އެވެ. އޭރުން ނަންބަރުތަކަކީ ހަމައެކަނި ހިތުދަސްކުރަން ޖެހޭ އެއްޗެއްގެ ބަދަލުގައި، މާނައެއް ހުރި އެއްޗަކަށް ވާނެ އެވެ.
ހަތަރުވަނަ ގޯސް: ހިސާބުގެ ބަސްކޮށާރަށް ސަމާލުކަން ނުދިނުން
ހިސާބުގައި އަމިއްލަ ބަސްތަކެއް ހުރެ އެވެ. އަދި މި ބަސްތަކަކީ އަޅުގަނޑުމެން އާންމު ދިރިއުޅުމުގައި ބޭނުންކުރާ މާނައާ ތަފާތު ބަސްތަކަކަށް ވެދާނެ އެވެ. ކުއްޖަކު ހިސާބު ކަރުދާހެއްގައި ހުންނަ ކަނޑާލުމުގެ ހިސާބުތައް ވަރަށް މޮޅަށް ހަދާފާނެ އެވެ. ނަމަވެސް، އިބާރާތް ހިސާބެއްގައި "ތަފާތު" މި ބަހުގެ މާނައަކީ ކަނޑާލުންކަން ނޭނގޭ ނަމަ އެ ކުއްޖާ ހުންނާނީ އޮޅުންބޮޅެއްގެ ތެރޭގަ އެވެ.
"ޑިފަރެންސް"، "ޕްރޮޑަކްޓް"، "ކޯޝަންޓް"، "ނިއުމަރޭޓާ" އަދި "ޑިނޯމިނޭޓާ" ފަދަ ބަސްތަކަކީ ހިސާބުގައި ކުރަންވީ ކޮން ކަމެއްކަން ކުއްޖާއަށް ބުނެދޭ ބަސްތަކެވެ.
މިކަން ރަނގަޅު ކުރުމަށްޓަކައި، ދަރިފުޅަށް ކޮންމެ ދުވަހަކު ފެންނަ ތަނެއްގައި ހިސާބުގެ ބަސްތައް ހިމެނޭ "މެތު ވޯޑް ވޯލް" އެއް ތައްޔާރުކުރެވިދާނެ އެވެ. ކޮންމެ ހަފުތާއަކު އެއް ބަސް ނުވަތަ ދެ ބަސް އިތުރުކޮށް، އެ ބަހުގެ މާނަ ދަރިފުޅުގެ އަމިއްލަ ބަހުން ކިޔައިދިނުމަށް އެދޭށެވެ. އަދި އެ ބަހާ ގުޅޭ ހިސާބެއް ހަދައި، ޖުމްލައެއްގައި އެ ބަސް ބޭނުންކުރަން ދަސްކޮށްދޭށެވެ.
ފަސްވަނަ ގޯސް: ހިސާބަކީ ހަމައެކަނި "ސްކޫލް ކަމެއް" ގޮތުގައި ދެކުން
ހިސާބުގެ ހުނަރު ކުރިއެރުވުމަށް އެންމެ ބޮޑު ހުރަހަކަށް ވަނީ ސްކޫލުން ބޭރުގައި ހިސާބާ ދުރުވުމެވެ.
ހިސާބަކީ ހަމައެކަނި ސްކޫލަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކެވޭ ނަމަ، އެއީ ހަމައެކަނި ފިލާވަޅު ހަދާ ގަޑީގައި ކުރިމަތިވާ ސްޓްރެސްއަކަށް ވެގެންދެ އެވެ. މީގެ ސަބަބުން ހިސާބަކީ އާންމު ދިރިއުޅުމާ ގުޅުމެއް ނެތް އެކަހެރި އެއްޗަކަށް ވެދެ އެވެ.
ކުދިންނަށް ކަމެއް ފަސޭހަވަނީ އެކަމެއް ގަވާއިދުން ތަޖުރިބާކުރެވޭ ނަމަ އެވެ. ކައްކާއިރު ތަކެތި މިނާ ނުވަތަ ފިހާރައިން ލިބޭ ބާކީ ފައިސާ ގުނާ ކުއްޖަކަށް، ނަންބަރުތަކަކީ ބޭނުންތެރި އެއްޗެއްކަން ވިސްނޭނެ އެވެ. މިއީ "ހިސާބު ފަރިތަކުރުން" ކަމަށް ނުބުނި ނަމަވެސް، މިއީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެގެންދެ އެވެ.
މީގެ ބޭނުމަކީ އިތުރު ފިލާވަޅު ގަޑިތަކެއް އުފެއްދުމެއް ނޫނެވެ.
ބެލެނިވެރިންގެ ތާވަލަށް ކަމެއް އިތުރުކުރާކަށް ނުޖެހެ އެވެ. ހަމައެކަނި ދިރިއުޅުމުގެ ކަންކަމުގައި ދަރިފުޅު ބައިވެރިކޮށްލާށެވެ. ފިހާރައިން ގަންނަ ތަކެތީގެ ޖުމްލަ އަގު އަންދާޒާކުރަން ބުނާށެވެ. ކުޅެން ދިއުމުގެ ކުރިން ބާކީ އޮތީ ކިތައް މިނެޓުތޯ އަހާށެވެ. ނުވަތަ ބޭނުންވާ އެއްޗެއް ގަންނަން ފައިސާ އެއްކުރަން ކިހާ ދުވަހެއް ނަގާނެތޯ މަޝްވަރާކުރާށެވެ.
މައުލޫމާތު: މެތުނޭސިއަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ