ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,500 އިން މައްޗަށް

ވެނެޒުއެލާއަށް ވޭތުވެދިޔަ ހަފުތާގައި ޖެހިޖެހިގެން އައި ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,535އަށް އަރާފައިވާއިރު، މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ވެސް ގާތްގަނޑަކަށް 18,000 މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ހޯރްހޭ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، މި ކާރިސާގައި 16,740 މީހުން ޒަހަމްވެ، 17,854 މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އަދި މަދުވެގެން 12,800 މީހުން ދަނީ ކަރަކަސް އާއި ލާ ގުއައިރާގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ވަގުތީ 80 މަރުކަޒެއްގައި ހިޔާވަހިކަން ހޯދަމުންނެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އައި، 7.2 އާއި 7.5ގެ ބާރުގަދަ ދެ ބިންހެލުމުގައި ގާތްގަނޑަކަށް 60,000 އިމާރާތަށް ގެއްލުންވެ ނުވަތަ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ލަފާކުރެވެ އެވެ.
ސިއްހީ އިދާރާތަކުން ވަނީ އާންމު ސިއްހަތުގެ ނާޒުކު ހާލަތެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެއީ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު، ސާފު ބޯފެނާއި ފާހާނާކުރުމުގެ ވަސީލަތްތައް މަދު، ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާތީ އެވެ.
"އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ލަފާކުރެވޭ މައްސަލައަކީ، ގިނަ ދުވަސްތަކެއް ވަންދެން މި ކާރިސާގެ ތެރޭގައި ތާށިވެފައި ތިބި ބަލިމީހުންގެ ފަރާތުން ފެތުރިދާނެ އެކި ކަހަލަ ބަލިތައް،" ހޮސްޕިޓަލް ހޯސޭ ގްރެގޯރިއޯ ހެރްނާންޑޭޒްގެ ޓްރައުމާ ޔުނިޓްގެ ވެރިޔާ އެއުހެނިއޯ ކޯވާ ވިދާޅުވި އެވެ.
މި ކާރިސާއާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އާންމުންގެ ފާޑުކިޔުންތައް ވެސް ދަނީ އިތުރުވަމުންނެވެ. ބިންހެލުން އައި ގިނަ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ އިސް ދައުރެއް އަދާކުރަމުންދަނީ އަމިއްލަ ވޮލަންޓިއަރުންނާއި އެހީދޭ ޖަމާއަތްތަކުންނެވެ.
"އެހީތެރިކަން މި ލިބެނީ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ވޮލަންޓިއަރުންގެ ފަރާތުން. ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭ،" ވޮޝިންޓަން އޮފީސް އޮން ލެޓިން އެމެރިކާގެ ރައީސް ކެރޮލީނާ ހިމެނޭޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ