ރިޝްވަތުގެ ގޮތުގައި 325 މިލިއަން ޑޮލަރު ނެގި ޗައިނާ އޮފިޝަލަކަށް މަރުގެ އަދަބު

ފާއިތުވި 30 އަހަރުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި 2.2 ބިލިއަން ޔުއާން (325 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ހޯދި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި އެވެ.
1993 އިން 2023 އަށް ނަންޖިން ސިޓީގެ އެކި މަގާމުތައް ފުރުއްވި ޔަންގް ޔޫލިންގެ މައްޗަށް، ރިޝްވަތު ހިފުމުގެ އިތުރުން، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ވެސް ވަނީ ސާބިތުވެފަ އެވެ.
އޭނާ ނާޖާއިޒު ގޮތުގައި ހޯދާފައިވާ މި ފައިސާއަކީ ޗައިނާގައި ފަހުގެ ތާރީހެއްގައި މިފަދަ މައްސަލައެއްގައި ފެންމަތިވި އެންމެ ބޮޑު އަދަދެވެ،
އުމުރުން 69 އަހަރުގެ ޔަންގް، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިންޖިނިއަރިން ކޮންޓްރެކްޓްތަކާއި، ބިން ބަދަލުކުރުމުގެ މުއާމަލާތްތަކާއި، ފައިނޭންސިން ހޯދައިދިނުމުގައި އެކި ފަރާތްތަކަށް އެހީތެރިވެދީފައިވަނީ ފައިސާ އާއި އަގުބޮޑު ތަކެތީގެ ބަދަލުގައި ކަމަށް ޗައިނާގެ ނޫސްތަކުން ބުންޏެވެ.
ޔަންގްގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ރައީސް ޝީ ޖިންޕިން ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުންނެވެ. މި ކެމްޕޭނުގެ ތެރެއިން މިހާތަނަށް އަސްކަރިއްޔާގެ އިސްވެރިންނާއި ބޭންކިން ދާއިރާގެ އިސް ބޭފުޅުން ހިމެނޭހެން އެކި ދާއިރާތަކުން ގިނަ ބަޔަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.
ނަންޖިން ސިޓީގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަރައްގީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޔަންގް ކޮށްފައިވަނީ "އިންތިހާއަށް ސީރިއަސް" ކުށްތަކެއް ކަމަށާއި، އޭގެ ސަބަބުން "ދައުލަތަށާއި ރައްޔިތުންގެ މަސްލަހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ" ކަމަށް ޗަންގްޒޫ ސިޓީގެ ކޯޓުން ހޯމަ ދުވަހު ބުނެފައިވެ އެވެ.
ރައީސް ޝީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮރަޕްޝަނާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަވަމުން ގެންދަވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ.
އިގްތިސާދީ ކުށްތަކުގައި މަރުގެ އަދަބު ދިނުމަކީ ޗައިނާގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް، ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު އެއް ބިލިއަން ޔުއާންއަށް ވުރެ އިތުރުވާ ހާލަތްތަކުގައި ބައެއް ފަހަރު މިފަދަ ހަރުކަށި އަދަބުތައް ދެމުންގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ