ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ކުރެވުނު ހަތަރު ސެލް ބްލޮކެއްގެ މަސައްކަތްތައް ނިންމައި، މިހަފްތާގައި ހުޅުވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވސިސް އިން ބުނެފިއެވެ.
ކުރިން ކޮވިޑް ފެސިލިޓީ ހިންގި ބިމުގައި ދެ ފަންގިފިލާއަށް އިމާރާތްކުރެވުނު މި ސެލް ބްލޮކް ތައް ހިންގާނީ ހުޅުމާލެ ޖަލުގެ ހަވަނަ ޔުނިޓްގެ ގޮތުގައިއެވެ. މި ޔުނިޓަކީ ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން މާލެ ސަރަޙައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ޤައިދީން ބޭތިއްބުމަށް "ހޯލްޑިންގ ސެލް" ތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގައި ޖުމްލަ 5 ބްލޮކް ހިމެނޭއިރު، އޭގެ ތެރެއިން 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ 4 ބްލޮކާއެކު މި ޔުނިޓުން ޖުމްލަ 48 ޖާގަ ޖަލަށް އިތުރުވާނެއެވެ.
ކަރެކްޝަންސްއިން ވިދާޅުވީ، މި މަޝްރޫޢު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ޤައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޚަރަދުތައް ސަލާމަތް ކުރެވޭނެއެވެ. އަދި މިހާރު މި ޚިދުމަތް ދިނުމުގައި ދިމާވާ ލޮޖިސްޓިކްސް އަދި މޫސުމީ ގޮންޖެހުންތަކަށް މި އައު ޔުނިޓާއެކު ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ކަރެކްޝަންސް އިން އުއްމީދުކުރެއެވެ.
ހުޅުމާލެ ޖަލަށް އިތުރުކުރި ހަތަރު ސެލް ބްލޮކް މިހަފްތާގައި ބޭނުންކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ