ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، މިއީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީތޯ ނިންމަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިއީ، އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފަ އެވެ. ސްޕެއިން އަތުން 1-0 އިން ބަލިވި މެޗަށް ފަހު، ރޮނާލްޑޯ ގާތުގައި ނޫސްވެރިން އެހީ ގައުމީ ޓީމުގެ ކެރިއަރު ނިމުނީތޯ އެވެ.
މެޗުގެ އިތުރު ވަގުތުގައި މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިއާ އެކު، ޕޯޗުގަލްއާ އެކު، ވޯލްޑް ކަޕް ކާމިޔާބުކުރަން ރޮނާލްޑޯ ކުރި މަސައްކަތް ހަ ވަނަ ވޯލްޑް ކަޕަށް ފަހު ވެސް ވަނީ ކާމިޔާބުނުވެފައި.
"މިއީ އަހަރެން ގައުމީ ޓީމަށް ކުޅުނު ފަހު މެޗުތޯ އެހެން ސީދާ ބުނަން ވަރަށް އުނދަގޫ. އަހަންނަކީ ކަމެއް ދިމާވުމުން އެކަމުގެ ޖަޒުބާތީ ވަގުތުތަކުގެ ތެރޭގައި ނިންމުންތައް ނިންމާ މީހެއް ނޫން. ހަގީގަތުގައި އެއީ އެންމެ މުހިންމު ކަމެއް ވެސް ނޫން،" ރޮނާލްޑޯ ބުންޏެވެ.
މިއީ، ޕޯޗުގަލްއާ އެކު، ރޮނާލްޑޯ ވޯލްޑް ކަޕްގައި ކުޅުނު ހަ ވަނަ މުބާރާތެވެ. ވޯލްޑް ކަޕެއް ކާމިޔާބުނުކޮށް ގައުމީ ޓީމުގެ ކެރިއަރު ނިންމާލާން ޖެހުމަކީ ކެރިއަރަށް އަންނާނެ އުނިކަމެއްތޯ ސުވާލުކުރުުމުން ރޮނާލްޑޯ ބުނީ، ޕޯޗުގަލްގެ ފުޓްބޯޅަ ތާރީހުގައި ލިބުނު ހުރިހާ ކާމިޔާބެއް އޮތީ އޭނާ ކުޅެން ފެށި ފަހުން ކަމަށެވެ.
"އަހަރެން ޕޯޗުގަލްއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބަކީ ޔޫރޯ 2016. އެ ޓްރޮފީ އަކީ އަހަންނަށް ފީފާ ވޯލްޑް ކަޕެއް ލިބުންފަދަ ކާމިޔާބެއް،" ރޮނާލްޑޯ ބުންޏެވެ.
"އަހަންނަށް ޕޯޗުގަލްއާ އެކު ތިން ތަށި ލިބުނު. ކްރިސްޓިއާނޯ (ރޮނާލްޑޯ) އައުމުގެ ކުރިން ޕޯޗުގަލް އަށް ލިބިފައި އޮތީ ޒީރޯ ޓައިޓަލް. މާދަމާ ވެސް އަހަރެން ހެނދުނު ހޭލާނީ ހަމަ ވަރަށް ހިތްހަމަޖެހިގެން ހުރެ. ވަރަށް ހަމަޖެހިފައި އަހަރެން ހުންނާނީ،"
ޔޫރޯގެ އިތުރުން، ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ދެ ފަހަރެއްގެ މަތިން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ރޮނާލްޑޯ އަށް ޕޯޗުގަލްއާ އެކު ވޯލްޑް ކަޕްގެ އެންމެ ދުރަށް ދެވުނީ، ސެމީ ފައިނަލާ ހަމައަށެެވެ. އެއީ، މީގެ 20 އަހަރު ކުރިން، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ޕޯޗުގަލް ދަތުރުކުރިއިރު، މި ފަހަރު އެ ހިސާބަށް ވެސް ދެވޭ ގޮތެއްނުވި އެވެ.
ޕޯޗުގަލްގެ ކޯޗަކަށް ހުރި ރޮބާޓޯ މާޓިނޭޒް ވަނީ ވޯލްޑް ކަޕުން ކެޓި މެޗަށް ފަހު މަގާމުން އިސްތިއުފާދީފަ އެވެ.
މިއީ ގައުމީ ޓީމުން ރިޓަޔަކުރަން ނިންމަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ