ލީބިއާގެ ޖަމާއަތްތައް ސުލްހަކުރަން ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށައިފި

ބައިބައިވެފައިވާ ލީބިއާ އަލުން އެއްބައިކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ އިރުމައްޗާއި ހުޅަނގުގެ ވާދަވެރި ދެ ސަރުކާރުގެ މެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށާފައިވާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ޕާކިސްތާނުގެ ދެ މަސްދަރަކުން ރޮއިޓާސްއަށް ބުނެފި އެވެ.
އެ މަސްދަރުތަކުން ބުނި ގޮތުގައި، މި ސުލްހައިގެ މަސައްކަތް ފަށާފައިވަނީ ލީބިޔާގެ ދެ ފަރާތުގެ ވެސް އެދުމުގެ މަތިން މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި މި މަސައްކަތަށް ސައުދީ އަރަބިއްޔާގެ ތާއީދު ލިބިފައިވާއިރު، އެމެރިކާއަށް ވެސް މިކަން ފުރިހަމައަށް އެނގޭ ކަމަށާއި އެ ގައުމުން ވެސް މި މަރުހަލާގައި ބައިވެރިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
މި ފިޔަވަޅަކީ އެމެރިކާ އާއި އީރާނުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން އަދާކުރަމުން އަންނަ ދައުރާ ވެސް ގުޅިފައިވާ ކަމެކެވެ.
ރޮއިޓާސްއަށް ފެނިފައިވާ، 36 މަސްދުވަހުގެ މުއްދަތަށް ހުށަހަޅާފައިވާ އިންތިގާލީ ރޭވުމުގައިވާ ގޮތުން، ދެ ފަރާތް ހިއްސާވާ ގަވަމެންޓް އޮފް ނޭޝަނަލް ކޮންސެންސަސް ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރެވޭނެ އެވެ. މީގެ ދަށުން، ހުޅަނގުގައި ބާރުއޮތް ބޮޑުވަޒީރު އަބްދުލްހަމީދު ދުބައިބާ މަގާމުގައި ދެމިހުންނަވާއިރު، އިރުމަތީގެ އަސްކަރީ ލީޑަރު ސައްދާމް ހަފްތަރު ރިޔާސީ ކައުންސިލްގެ ރައީސްކަން ކުރައްވާނެ އެވެ. މީގެ އިތުރުން، މި ހުށަހެޅުމުގެ ދަށުން ލީބިޔާގެ ބަޖެޓް ކަނޑައެޅުމުގެ ބާރު އިރުމަތީގެ ކޮމާންޑަރު ހަފްތަރަށް ލިބިގެންދާނެ އެވެ.
ޕާކިސްތާނުގެ އެއް މަސްދަރުން ބުނި ގޮތުގައި، މި މުޅި އިންތިޒާމު ދެމެހެއްޓުމަށްޓަކައި އިސްލާމްއާބާދުން ހަރަކާތްތެރި ދައުރެއް އަދާކުރާނެ އެވެ. ނަމަވެސް މީގެ ތަފްސީލުތަކާ މެދު އަދިވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ލީބިއާ އެއްބައިކުރުމުގެ އެއްބަސްވުމަކަށް އާދެވޭނީ ސިޔާސީ މަގާމުތަކާއި އިންތިހާބުތަކާއި އަދި ތެލުގެ އާމްދަނީއާ ގުޅޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިގެންނެވެ.
ލީބިއާގެ މައްސަލައިގައި ޕާކިސްތާނަކީ ދެވަނަ ދަރަޖައެއްގެ ބައިވެރިއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އެ ގައުމުން ދަނީ ވާދަވެރި ދެ ފަރާތާ އެކު ވެސް ގުޅުން ދަމަހައްޓަމުންނެވެ. މީގެ ސަބަބުން، އަހަރުތަކެއް ވަންދެން އުފެދިފައިވާ ސިޔާސީ ބައިބައިވުން ނައްތާލުމުގެ މަސައްކަތުގައި ޕާކިސްތާނަކީ ގާބިލު މެދުވެރިއަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ