ވޯލްޑް ކަޕް ގަދަ 16 ގައި ނުކުންނަ ޕޯޗުގަލްގެ މިޑްފީލްޑަށްވުރެ ސްޕެއިންގެ މިޑްފީލްޑް މޮޅުވާނެ ކަމަށް އެޓީމުގެ ކެޕްޓަން ރޮޑްރީ ބުނެފިއެވެ.
މި ވޯލްޑް ކަޕަށް ނުކުތުމުގެ ކުރިން ގިނަ ބަޔަކު ގަބޫލުކޮށްފައިވާ ގޮތުގައި ޕޯޗުގަލްގައި އޮތީ އެޓީމުގެ ރަން ޖީލެއްގެ މިޑްފީލްޑް ލައިނެކެވެ. ޕީއެސްޖީއާއެކު ޖެހިޖެހިގެން ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ ވިޓީނިއާ އާއި ޖޮއާ ނެވޭސްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ބްރޫނޯ ފެނާންޑޭޒްއާއެކު ޕޯޗުގަލްގެ މިޑްފީލްޑަކީ ”ބިރެއްގެ ގޮތުގައި“ ގިނަ ބަޔަކު ސިފަކުރިއެވެ.
”އަހަރެންނަށް އެންމެ މޮޅު ޓީމު، އެންމެ މޮޅު މިޑްފީލްޑަކީ އަހަރެމެންގެ މިޑްފީލްޑް. އެ ޓީމުގައި ތަރިންތައް ހިމެނޭ، ސެންސޭޝަނަލް ޓީމެއް އެބައޮތް، އެކަމަކު އަހަރެމެން މޮޅުކަން ދައްކާނަން،“ ޕޯޗުގަލްގެ މިޑްފީލްޑާ ގުޅޭގޮތުން ވާހަކަދައްކަމުން ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުންޏެވެ.
ބެލޮންޑިއޯ ހޯދާފައިވާ ރޮޑްރީއާއެކު ސްޕެއިންގެ މިޑްފީލްޑްގައި ޕެޑްރީ އަދި ޑެނީ އޮލްމޯ ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. ޕޯޗުގަލްގެ މިޑްފީލްޑަށް އުންމީދުކުރި ވަރާ ގާތަށް ކުޅުން ދެއްކިފައިނުވި ނަމަވެސް، ސްޕެއިންގެ މިޑްފީލްޑަރުން ވަނީ ތަފާތު ދައްކައިފައެވެ.
ގަދަ 32 ގައި އޮސްޓްރިއާ އަތުން 3-0 އިން ސްޕެއިން މޮޅުވި އިރު، ޕޯޗުގަލް ވަނީ ކްރޮއޭޝިއާ 2-1 އިން ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް އެންމެ ފަހުން ބައްދަލުކުރީ 2025 ގެ ޔޫއެފާ ނޭޝަންސް ލީގް ފައިނަލުގައެވެ. ޕެނަލްޓީ ޝޫޓްއައުޓްއާ ހިސާބަށް ދިޔަ އެ މެޗުން މޮޅުވީ ޕޯޗުގަލެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޔޫރަޕް ޗެމްޕިއަން ސްޕެއިނުން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ޕޯޗުގަލަށްވުރެ ސްޕެއިންގެ މިޑްފީލްޑު މޮޅުވާނެ: ރޮޑްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ