އަބްދުﷲ އަލި މަނިކަށް މައާފް ދިން ސަބަބު ރައީސް އޮފީހުން ސާފުކޮށް ނުދިން: ހަސަން ލަތީފް

ދީނީ ހަރުކަށި ފިކުރުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަބްދުالله އަލި މަނިކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާފު ދެއްވި ސަބަބު ސާފުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަން ސާފުކޮށްދީފައި ނުވާ ކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން މިއަދު ބުނެފިއެވެ. ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރާ ކަމަށް މީގެ ކުރިން ބޮޑެތި ތުހުމަތުތަކެއްކޮށް ޖަލަށް ލުމަށް ހުކުމް ކުރި އަބްދުالله އަލި މަނިކު ހިމެނެއެވެ. މޭ ހައެއްގެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރި އިރު ހުރީ މީގެ ކުރިން އިއްވި ޖަލު ހުކުމް ލުއިކޮށްދީ މައާފްދީފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފްއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ހައެއް މޭގެ ހަމަލާގައި ހިމެނޭކަމަށް ދައުލަތުން ތުހުމަތުކުރާ މީހަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، އެ ހަމަލާގެ ކުރިން އަދަބު ލުއިކޮށްދީ ދޫކޮށްލާފައިވާ ކަމަށެވެ. "މި ދޫކޮށްލި ސަބަބެއް އޮޅުން ފިލުވަން ވެގެން 241 ކޮމެޓީން ދެ ފަހަރެއްގެ މަތިން ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެއްޖެ. ނަމަވެސް އެއްވެސް ޖަވާބެއް ވަނީ ނުލިބި," ހަސަން ލަތީފްގެ ސިޓީގައިވެއެވެ. ކުށްވެރިންގެ އަދަބު ލުއިކޮށްދެނީ އޭނާގެ އަހްލާގީ ރިޕޯޓް ތައްޔާރުކޮށްފައި އެކަމުގެ މައްޗަށް ޑައިރެކްޓާ އޮފް ޕްރިޒަންސް ބެއްލެވުމަށްފަހުކަން ފާހަގަކޮށް ސިޓީގައި ވިދާޅުވެފައި ވަނީ, ބޮޑު ތުހުމަތެއް ކުރެވޭ އެ މީހާ ދޫކޮށްލާފައިވަނީ އެ ރިޕޯޓަށް ބެލުމެއް ނެތި ކަމަށެވެ. އެގޮތުން އެ މީހާ ދޫކޮށްލާފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ ރިޕޯޓް ތައްޔާރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށް ހަސަން ލަތީފް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ. "އިތުރަށް ޝައްކު އުފެދޭ އެތައް ކަމެއް ހުރުމާ އެކުގައި މެންބަރު އެދިވަޑައިގަންނަވާފައި އޮތީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ މައުލޫމާތު ލިބޭތޯ ދަންނަވައި ދިނުމަށް," ސިޓީގައި ވެއެވެ. އެ ސިޓީއާ ގުޅޭގޮތުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ ގޮނޑީގައި އިންނަވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވޭނީ ކަމަށާއި އިތުރަށް ރައީސް އަރިހުގައި އެކަން ދަންނަވާނެ ގޮތެއް ނެތް ކަމަށެވެ. "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް އަދަބު އިހްތިރާމާއެކު އެދެން މި މައުލޫމާތު މި މަޖިލީހަށް މަނިކުފާނު ފޮނުވައި ދެއްވުމަށް," ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ