ނަޝީދަށް ގާސިމް: ބޮޑުވަޒީރެއް ހުންނާކަށް އެއްވެސް އިރަކު ތާއީދެއް ނުކުރަން

ރާއްޖޭގެ ބޮޑުވަޒީރަކަށް ގެންނަން އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް "ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން އެއްގޮތަކަށް ވެސް ތާއީދުނުކުރަން" ކަމަށް ވިދާޅުވެ، ޖޭޕީގެ ލީޑަރު މިއަދު ރައްދު ދެއްވައިފި އެވެ.
ވީ ގޮތް؟- ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދުގެ އެ ވާހަކަފުޅަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ 'ދައުރު'ން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ "އަޅުގަނޑަކީ އެއްގޮތަކަށް ވެސް، ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން ތާއީދުކުރާ މީހެއް ނޫން" ކަމަށެވެ.
ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަވަން މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަދި މި ފަހުން އެ މަސައްކަތް އެ މަނިކުފާނު ވަނީ އަމަލީ ގޮތުން ފައްޓަވައިފަ އެވެ. އެކަމަކު އެއީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ނުވަތަ ރައްޔިތުންގެ ވޯޓަކުން ގެނެވޭނެ ބަދަލެއް ކަމުން، ނަޝީދުގެ މަސައްކަތާ މެދު އަދި އޮތީ ސުވާލު އުފެދިފަ އެވެ.
ބުނީ ކީކޭ؟- ގާސިމް ވިދާޅުވީ އަބަދުވެސް އޭނާ ތާއީދުކުރައްވަނީ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ އަގުލަބިއްޔަތުން ހޮވޭ ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުންނަން ކަމަށެވެ.
"އަޅުގަނޑަކީ ރިޔާސީ ނިޒާމެއްގައި، މި ދިވެހި ރާއްޖޭގެ އެންމެންގެ ތާއީދު ލިބިގެން، 50 ޕަސެންޓާއި އެއް ވޯޓު ލިބިގެން ހޮވޭ މީހަކަށް ވާން ގަބޫލުކުރާ މީހެއް،" ގާސިމް ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީ އެކުލަވާލި އިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ މެދު 2007 ގައި ބޭއްވި ނިޒާމީ ވޯޓުގައި ވެސް ތާއީދުކުރެއްވީ، ގާސިމް ވިދާޅުވި ގޮތުގައި، ރިޔާސީ ނިޒާމަކަށެވެ. 
ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލާބަ އާއި މަންފާ އެންމެ ބޮޑަށް ކުރާނީ ވެސް ރިޔާސީ ނިޒާމެއްގައި، ޖުމްހޫރީ ވެރިކަމެއްގެ ތެރެއިންނެވެ.
"ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ގާތަށް ގޮސް ހާލު ބަލަން ޖެހޭނެ. އެކަމަކު ޕްރައިމް މިނިސްޓަރަކަށް އަންނަ މީހަކު މި ޖެހެނީ، ޕާޓީގެ ތެރެއިން [އަންނަން] ރައްޔިތުންގެ މަޖިލީހުގެ ލީޑަރުކަމަށް ހޮވިގެން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑުވަޒީރު ކުރަން ޖެހޭ ކަމަކީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުން ކަމަށެވެ. ރައްޔިތުންގެ ހާލު ބަލައި ހަދަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަރުލަމާނީގައި ޕްރައިމް މިނިސްޓަރަކަށް އާދެވިދާނެ ހަ ފަހަރު ވެސް. މިހާރު ވެސް ބައްލަވާ ބަރުލަމާނީ އޮތް ތަންތަނުގައި ޕްރައިމް މިނިސްޓަރު އެބަ ބަދަލުވޭ އަހަރަކު ތިން ފަހަރު ވެސް. އަބަދުވެސް ރައްޔިތުން އުޅެން ޖެހެނީ އެކަމެއްގައި،" ގާސިމް ވިދާޅުވި އެވެ.
ބަރުލަމާނީ އަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ވާހަކަދެއްކެވި ނަމަވެސް ގާސިމް ވިދާޅުވީ ގައުމެއް ކުރިއަރައި ދިޔުމުގައި އެތަނެއްގެ ވެރިއަކަށް ހުންނަ މީހެއްގެ ސިޔާސަތުތައް މުހިއްމު ކަމަށެވެ. އެގޮތުން މިސާލަކަށް ނެންގެވީ ޔޫއޭއީ އާއި ސިންގަޕޫރެވެ.
ގާސިމް ވިދާޅުވީ ސިންގަޕޫރުގައި ބަރުލަމާނީ ނިޒާމެއް އޮވެފައި، ޔޫއޭއީގައި ވިރާސީ ވެރިކަމެއް ކުރި ނަމަވެސް އެ ގައުމުތަކުގެ ވެރިންގެ ސަބަބުން ގައުމަށް ކުރިއެރުން އަންނަ ކަމަށެވެ.
"ކޮންމެ ސިސްޓަމެއް ވިޔަސް ހުންނަ ވެރިއެއްގެ ސަބަބުން ގައުމު ކުރިއަރާނީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ