އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް އޯކިޑުމަގުގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑޮލަރު އޭޓީއެމްއެއް ބަންޑާރަ މިސްކިތް ކުރިމަތީ އޯކިޑްމަގުގައި މިއަދު ހުޅުވައިފިއެވެ. އެމްއައިބީން ބުނީ، މއ. ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމުން އެމްއައިބީ ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށެވެ. އަދި މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު، ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. އެމްއައިބީގެ ޑޮލަރު އޭޓީއެމްތަކުން ކޮންމެ ކަސްޓަމަރަކަށް ދުވާލަކު 1،000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެއެވެ. މި އޭޓީއެމްތަކުން ޑޮލަރު ނަގަން މި ވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑު އެކަންޏެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމުންވެސް ލިބެއެވެ. ޑޮލަރުގެ އިތުރުން، ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނޭކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީން ވަނީ ވިލިމާލޭގައި ވެސް ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ދާދިފަހުން ބަހައްޓާފައެވެ. ވިލިމާލޭގެ އިތުރުން ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށިން ވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ