މިނިސްޓްރީގެ މިސްރާބު ހުރީ އަރަބިއްޔާ ސްކޫލް ހަލާކުކޮށްލަން: ޑރ އިޔާޒް

އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު ހުރީ އަރަބިއްޔާ ސްކޫލް ހަލާކުކޮށްލަންކަމަށް މަޝްހޫރު ތަފްސީރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކުއްލިގޮތަކަށް މަގާމުން ވަކިކޮށް، އެ ސްކޫލް ހިންގުން ވަގުތީގޮތުން ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްއާ ހަވާލުކުރައްވާފައެވެ. އެކަމާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން އެ ސްކޫލް ވަގުތީގޮތުން ހިންގާ އިމާރާތުގެ ކައިރިއަށް އެއްވެ އިއްޔެއާއި މިއަދު ވަނީ އިހްތިޖާޖުކޮށްފައެވެ.
ޕްރިންސިޕަލް މަގާމުން ވަކިކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ޑރ އިޔާޒް ކުރެއްވު ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެޑިއުކޭޝަން މިނިސްޓްރީގެގެ މިސްރާބު ހުރީ ސީދާ އަރަބިއްޔާ ސްކޫލް ހަލާކުކޮށް، ބެލެނިވެރިން ރުޅިއަރުވާ، ފިތުނަ ފަސާދަ އުފެއްދުމަށްކަމަށެވެ.
ދަރިވަރުން ނެޓްބޯޅަ ފަރިތަކުރާ ޕޮޓް ފޮރުވަން އެންގީ ސީދާ މިނިސްޓަރުކަމަށް ޑރ އިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި މިކަހަލަ އެތައް ޖަރީމާއެއް އަދިވެސް ހިންގަމުންދާކަމަށް ޑރ އިޔާޒް ވަނީ ތުހުމަތުކުރައްވާފައެވެ.
ޕްރިންސިިޕަލް ބަދަލުކުރި މައްސަލާގައި އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ބުނަމުން އަންނަނީ، އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ވަކިކުރި މުހަންމަދު ޝުޖާއު އަބްދުއްރަހީމް އަނބުރާ ގެނައުމަށާއި، އަރަބިއްޔާ ހިންގަން އިސްކަންދަރު ޕްރިންސިޕަލް ބޭނުން ނުވާކަމަށެވެ. އަދި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯއާއި، އެކަމާމެދު އަލުން ވިސްނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ބެލެނިވެރިން ގޮވާލާފައި ވެއެވެ.
މީގެއިތުރުން، ބެލެނިވެރިން ފާޅުކުރަމުންދާ ޝުއޫރުތަކުގެ ތެރޭގައި "އަރަބިއްޔާ ކުދިންނަށްކުރާ އަނިޔާ ހުއްޓާލުމަށާއި"، އަރަބިއްޔާގެ އައު އިމާރާތް ހަދާ ބަޖެޓު ކޮބައިތޯވެސް ސުވާލު ކޮށްފައި ވެއެވެ. ހަމަ އެއާއެކު އަރަބިއްޔާ "ނައްތާނުލެވޭ" ކަމަށްވެސް ބޯޑުތަކުގައި ލިޔެފައި ވެއެވެ.
ޕްރިންސިޕަލް މުހަންމަދު ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީން މީޑިއާއަށް އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން، 7 ނޮވެންބަރު 2022 އިން ފެށިގެން ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ