އުމަރު ނަސީރާއި އަނިޔާއާ ދެކޮޅު ބޭފުޅުންނަށް އަމީންގެ އިލްތިމާސެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ އިސްލާހީ މަސައްކަތުގައި ހުރިހާ އެންމެންވެސް ބައިވެރިވުމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ގޮވާލައްވައިފިއެވެ.
އަމީން ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ ހިކިދިޔާގައި ގޮނޑުދޮށުގައި އެކަނިމާއެކަނި ހުރެގެން ދޮށި އުކާލައުކާލާ ހުރެގެން މަހެއް ނުބޭނޭނެ ކަމަށެވެ.
އަދި ރަނގަޅަށް މަސްބާނަން ބޭނުންނަމަ ޓީމާއެކު ކަނޑައަށް ނިކުންނަން އޮޑިއަށް އެރުމަށް ގޮވާލައްވަމުން އަމީން ވިދާޅުވީ ލައިގެން ކާނެވަރުވެސް ވާނީ އޭރުން ކަމަށެވެ.
އަމީން ވިދާޅުވީ ހުރިހާ ލީޑަރުން ޖަލަށްލާ ބާރަ މެންބަރުންގެ ގޮނޑި ގެއްލުވާލާ، އިތުރު ބާރަ މެންބަރުން ޖަލަށްލުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އަނިޔާއާއި ބޭއިންސާފާއި ދެކޮޅު މީހުން އެކަހެރިކޮށް ނުތިބެ، މުރަނަކަން ދޫކޮށް، އިިދިކޮޅު އިއްތިހާދުގެ އޮޑީގައި ދަތުރުކުރަންޖެހޭ ކަމަށެވެ.
އަމީން ވަނީ އުންމީދެއް އޮތަސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އަދި އަނިޔާވެރިކަމާ ދެކޮޅު އެހެން ސިޔާސީ ބޭފުޅުންވެސް ދުރުގައި ނުތިއްބަވާ ރައީސް ޔާމީނާއި ދެކޮޅަށް ދިވެހި ރައްޔިތުން ކުރަމުންދާ އުނދަގޫ ދަތުރުގައި އަމަލީގޮތުން ބައިވެރިވެވެން އޮތް ގޮތަކުން ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އޮޑީގައި ތަފާތު ފިކުރަށް ޖާގަ އެބައޮތް ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެކަމަކު އުމަރު ވަނީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނަމަ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެފައެވެ.
ކުރީގެ މިނިސްޓަރު އުމަރު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ