މިއީ ގަޑުބަޑުކަން ފިލުވާލަން ސްޕްރީމް ކޯޓަށް ލިބިފައިވާ ފުރުސަތެއް: މެމްބަރު އަނާރާ

ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަކީ ގާނޫނީ ނިޒާމަށް ސަރުކާރުން ގެނެސްފައިވާ ގަޑުބަޑުކަން ފިލުވާލަން ސްޕްރީމް ކޯޓަށް ލިބިފައިވާ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީ އަށް ނިސްބައްވާ ހަމައެކަނި މެންބަރު އަނާރާ ކްރެއްވި ޓްވީޓުގައި ވިދާޅުވީ ގާނޫނީ ނިޒާމަށް ސަރުކާރުން ގަޑުބަޑުކަން ގެނުވީ މަޖިލީހުގެ ތެރެއިން ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ކަމަށެވެ.
މީގެ އިތުރުން އަނާރާ ވަނީ އިއްޔެ ކްރެއްވި ޓްވީތެއްގައި މިގައުމަށް ބޭނުންވަނީ އަޚްލާގު ރަނގަޅު, ރައްޔިތުންނަށް އޯގާތެރިކަމާއެކު މުއާމަލާތް ކުރާނެ ވެރިއެއް ކަމަށްވެސް ވިދާޅުވެފައެވެ.
އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅުނު ހިސާބުން މެމްބަރު އަނާރާ ވެސް ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުންނެވެ.
އިދިކޮޅު ލީޑަރުން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ތަފްސީލުތައް ދެއްވުމަށް މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުފަރާތުން ބުނެފައިވަނީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އަމިއްލަ މަންފާއަށް ރާއްޖޭގެ ރަށްރަށާއި ފަޅުތައް އަދި ކަނޑުތަކުން ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް އެދިފައިވާއިރު, ގާނޫނު އަސާސީގައިވާ ގޮތުން ރައީސް ކަމުގެ މަގާމު އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްދެއްވުމަށްވެސް އެދިފައިވާނޭ ކަމަށް އިދިކޮޅުފާރްތަކުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ގާނޫނު އަސާސީގެ 117 ވަނަ މާއްދާގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނައިބު ރައީސްއާ ހަވާލުކުރުމަށް ވެސް އެދިފައިވެ އެވެ.
ރައީސް ކަމުގެ މަގާމުން އަބްދުﷲ ޔާމީން ދުރުކުރުމަށް އިދިކޮޅުފަރާތްތަކުން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައިވާގޮތުން ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް ކަނޑައެޅޭނެ ހާލަތްތަކަކީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރެއްވުމެވެ. ނަމަވެސް އެ މާއްދާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ސްޕްރީމް ކޯޓަށް ހުޅަހެލޭނެ ކަމަށް އޭގައި ބުނެފައި ނުވެއެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ މަޖިލީހުންނާއި މުއައްސަސާތަކުން އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ސަބަބެއްކަމަށް އިބޫ ވިދާޅުވީ ވެރިކަން ކުރާ ބާރުން ރައްޔިތުންގެ މަޖިލީހާއި އެހެން މުއައްސަސާތަށް ހުއްޓުވާފައިވާތީ ކަމަށެވެ.
ރައީސް މަގާމުން ދުރުކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މައުމޫން ވަނީ އިސްލާހީ ބަދަލުތަކެއް ރިޔާސީ އިންތިހާބުގެ ކުރިން ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ