މާލޭގައި ހުންނަވާ ނަމަ، ކޮންމެ ހަފުތާއަކު ބާއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތާ ތިން ހަތުފާ ފާއިތުވެއްޖެ އެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގަ އެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މިދިޔަ ދެ ހަފުތާގައި ވެސް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައިފައެއް ނުވެ އެވެ. އެންމެފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ ޖޫން 1، ގަ އެވެ.
މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ދެ ހަފުތާ ވެގެންދިޔައިރު، އޭގެ ސަބަބެއް ވެސް ހާމައެއް ނުކުރައްވަ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް ގަވާއިދުން ބާއްވަމުން ގެންދެވުމަށްފަހު، އެ ބައްދަލުވުންތަކަށް ހުއްޓުމެއް އައީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން މި ނޫހުގެ ނޫސްވެރިން ސުވާލުކުރުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުތައް ހިމެނޭހެން ނުގަޑިތަކުގައި އެކު ޖުމުލަ 58 ފަހަރު ގުޅުއްވީ ކީއްވެ، ކޮން ބޭނުމެއްގައިތޯ ސުވާލުކުރުމުން ޖަވާބު ދެއްވުމުގެ ބަދަލުގައި މުއިއްޒު ވަނީ މި ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުން ބޭރުކޮށްފަ އެވެ.
އޭގެ ފަހުން ރައީސް އޮފީހުން ވަނީ، އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަދައިފަ އެެވެ.
ކޮންމެ ހަފުތާއަކު ބާއްވަން މުއިއްޒު ވައުދުވި ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތާ ތިން ހަފުތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ