ކުށްމަދު އަމާން މާޙައުލެއް ޤާއިމްކުރުމަށް ރަށްރަށުގައި ފުލުހުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން، ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ތެރެއިން، ވިލިނގިލީގެ ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީ ހޭލުންތެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އިއްޔެ ނިޔަލަށް 86 ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
އެގޮތުން ކުށް މަދުކުރުމަށާއި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ކުށްތަކުން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން، ވިލިނގިލީގެ ހުރިހާ ގެއަކަށް ޒިޔާރްކޮށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިން ފުލުހުން ވަނީ ވިލިނގިލީ ކައުންސިލް މެމްބަރުންނާ ބައްދަލުކޮށް، ކުށްމަދު ކުރުމަށާއި، ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި ކުށްމަދު ކުރުމުގެ ގޮތުން ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ކުށްމަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވިލިނގިލީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ