ރާއްޖޭގެ ރައްޔިތުން މިއަދު އެހާ ގަމާރެއް ނޫން - ގާސިމް

ޖުމްހޫރީ ޕާޓީގެ ފަރާތުން ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާއިރު އެބޭފުޅާގެ އަތުގައި މުދާ ހުއްޓާ ވެރިކަމަށް ކުރިމަތި ލއްވައިގެން އުޅެނީ ކީއްކުރަންތޯ ބައެއް މީހުން ބުނެ އުޅޭ ކަމަށާއި އެ މީހުން އެގޮތަށް ބުނަނީ މުޅި އެތި އޮޅުވާލައިގެން ކަމަށް ވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު އެހާ ގަމާރު ނުވާނެ ކަމަށް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑީޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ.ކުނޫޒް، ޖުމްހޫރީ ޕާޓީގެ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މުދަލަށް ލޯތްބާއި ކަމޭ ހިތައިގެން އުޅޭނީ އެއެއްޗެހި ހުރި މީހެއް ކަމަށެވެ.
''އަޅުގަނޑުމެން ރާއްޖޭގެ ބައެއް މީސްމީހުން ބުނެ އުޅޭ ކީއްކުރަންހޭ މާގިނަ މުދަލާ އެއްޗެހި ހުރި މީހަކު ވެރިކަމަށް ކުރިމަތިލަނީ. ބަލަ މުދަލާ ގިނަ އެއްޗެހި ހުރި މީހަކު ނޫންތޯ އެއްޗިއްސައް ލޯތްބާއި ކަމޭ ހިތައިގެން ކަންތައް ކުރާނީ. މުޅި އެތި ނުބައި ކޮޅަށް ނަގައިގެން މިވާހަކަ ދައްކަނީ. ބަލަ އަހަރުމެން ދިވެހި ރާއްޖޭގެ މީހުން މިއަދު އެހާ ގަމާރެއް ނޫން އިނގޭތޯ. ބޯބީތާވެފަކާ ނޫންކަން މިއަދު އަޅުގަނޑުމެން އެބަފެނޭ ނޫންތޯ މިރާއްޖޭގެ އެކިކަންކޮޅުތަކުން'' ގިނަ އަދަދެއްގެ ފިލްމީ ތަރިން ބައިވެރިވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިގައުމުގައި ހަމަޖެހުމާއި މަސްލަހަތު އޮންނަން އެބޭފުޅާ ރައްޔިތުންނަށް ވުރެ ބޮޑަށް ބޭނުންފުޅުވާ ކަމަށާއި އެއީ މިގައުމުގައި އެބޭފުޅާގެ މަސްލަހަތު ބޮޑު ވުމުން ކަމަށެވެ.
ގައުމުގެ ހުރިހާ ކަމެއްގައި ހެން އެބޭފުޅާގެ މަސްލަހަތު އެބައޮތް ކަމަށާއި އެހެން ކަމުން ގައުމު އަމާންކަމާއި ސަލާމަތްކަން މަތީ އޮންނަން އެންމެ ބޮޑަށް ބޭނުންވާ އެކަކީ އެބޭފުޅާ ކަމަށް ވިދާޅުވި އެވެ.
''އެއީ އަޅުގަނޑުގެ އިންޓްރެސްޓް މިގައުމުގަ އޮތީމަ، އެކަމަކު އެއްވެސް އިންޓްރެސްޓެއް ނެތް މީހަކު ކިހިނެއްތޯވާނީ. އޭނަ އަށް ވަރިހަމަވާނެ ކޮންމެހެނެއް ވިޔަސް، މާބޮޑު ފިކުރުވެރިކަމެއް ނޯންނާނެ. މިގައުމަށް ނިކަމެތި ކަމެއްވަންޔާ އެންމެ ބޮޑު ގެއްލުމެއްވެސް ވާނީ އަޅުގަނޑަށް. އަދި މިގައުމާ ރައްޔިތުންނަށް ފައިދާތަކާ މަންފާތަކެއް ލިބިގެންދާ ކަމަށްވަންޔާ އެންމެ ބޮޑު ފައިދާއާއި މަންފާ އެއް ވެސް ލިބިގެންދާނީ އަޅުގަނޑަށް'' ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ދާދި ފަހުން އުތުރު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި އެޕާޓީއާއި އެމްޑީޕީގެ ގިނަ ބަޔަކު ގުޅިފައިވާ ކަމަށާއި އަދި ކުރިޔަށް އޮތްތާގައި ވެސް ގުޅޭތަން ފެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ