ޕީޕީއެމް ކައުންސިލަށް އުމަރު ނަސީރު އައްޔަންކޮށްފި

ޕީޕީއެމްގެ ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އައްޔަންކޮށްފި އެވެ. ކައުންސިލަށް މިއަދު އުމަރު އައްޔަންކޮށްފައިވަނީ އެ ކައުންސިލުން ތިން މެންބަރަކު މިއަދު ވަނީ ވަކިކޮށްފަ އެވެ.
ޕީޕީއެމްގެ ކައުސިލުން މިއަދު ވަކިކޮށްފައިވަނީ ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ އާއި ޒާހިދު ރަމީޒާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ފުޅެވެ.
އުމަރު ނަސީރު ކައުންސިލަށް އައްޔަންކޮށްފައިވަނީ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކުރާ މެންބަރެއްގެ ގޮތުގަ އެވެ. އެއީ އަބްދުލް ރަހީމްގެ ބަދަލުގަ އެވެ. އުމަރު ނަސީރުގެ އިތުރުން އެ ޕާޓީގެ މެންބަރު އަހުމަދު ސޮފްވާން ވެސް ވަނީ ކައުންސިލަށް މިއަދު އައްޔަންކޮށްފަ އެވެ.
އުމަރު ނަސީރާއި ސޮފްވާން ކައުންސިލް މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާއިރު، އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 12 ގައި ބުނެފައިވަނީ ކައުންސިލަށް ޕާޓީގެ ރައީސް އައްޔަންކުރާ މެންބަރުން އައްޔަންކުރަން ޖެހޭނީ ކައުންސިލްގެ އެހެން މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
ޕީޕީއެމް ކައުންސިލްގައި ތިއްބަވަނީ ޕާޓީގެ ރައީސް އާއި މުސްތަޝާރާއި ޕީޖީ ގުރޫޕްގެ ލީޑަރާއި ޕާޓީގެ ތިން ނައިބު ރައީސުންނާއި މަޖިލިސް މެންބަރުން ތެރެއިން 10 މެންބަރަކާއި ގައުމީ ޖަލްސާ އިންތިހާބުކުރާ އަންހެން ހަތަރު މެންބަރަކާއި އިތުރު 10 މެންބަރުންނާއި ޒުވާނުންގެ ގޮއްޕާއި އަންހެނުންގެ ގޮފީގެ ރައީސުންނާއި އިލްމުވެރިންގެ ހަރަކާތުގެ ރައީސް އަދި ކޮމެޓީތަކުން ކަނޑައަޅާފައިވާ މަންދޫބެވެ.
އުމަރު ނަސީރާއި ސޮފްވާން ކައުންސިލަށް އައްޔަންކޮށްފައިވަނީ ކައުންސިލުން އެހެން މެންބަރުންގެ މަޝްވަރާގެ މަތިން ކަމެއް އެނގިފައެއް ނުވެ އެވެ.
ޕީޕީއެމް ކައުންސިލުން އަބްދުލް ރަހީމް ވަކިކޮށްފައިވަނީ، އަބްދުލް ރަހީމަކީ އެމަނިކުފާނު ޕީޕީއެމްގެ ކައުންސިލަށް އައްޔަންކުރި ތިން މެންބަރުންގެ ތެރެއިން މެންބަރަކަށްވާއިރު، އަބްދުއް ރަހީމްގެ އަމަލުތައް ގަބޫލުކުރަން ދަތި ކަމަށް ވިދާޅުވެ އެވެ. ޕާޓީގެ އާންމު މެންބަރުން ވެސް އަބްދުލް ރަހީމާ ގުޅޭ ޝަކުވާތައް ކުރަމުންދާ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
އިބްރާހިމް ޔޫސުފް ފުޅު ކައުންސިލުން ވަކިކޮށްފައިވަނީ އޭނާއަށް 31 އަހަރު ފުރިފައިވުމުން ޒުވާނުންގެ ގޮފީގެ ރައީސްކަން ގެއްލިފައިވާތީ އެވެ. ޒުވާނުންގެ ހަރަކާތުގައި ތިބެނީ 31 އަހަރު ނުފުރޭ ޒުވާނުންނެވެ. ޒާހިދަކީ ވެސް މައުމޫން އައްޔަންކޮށްފައިވާ މެންބަރަކަށްވާއިރު އޭނާ ކައުންސިލުން ވަކިކުރީ ސޯޝަލް މީޑިއާގައި ބޭއަދަބީކޮށް ވާހަކަ ދައްކައި، ގަބޫލުކުރަން ދަތި އަމަލުތަކެއް އޭނާގެ ކިބައިން ފެންނަ ކަމަށް ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ